އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުތަކުގައި ބޭއްވުނު ކައުންސިލް އިންތިޚާބު، އިންޑިއާގެ މިހާރުގެ ސަރުކާރާ ދެކޮޅު، އަދި ކަޝްމީރާއި ގުޅޭގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު، ސިޔާސީ ޕާޓީތައް އެކުވެގެން އުފައްދާފައިވާ އިއްތިހާދުން ކާމިޔާބު ކޮށްފިއެވެ.
މިއީ، ކަޝްމީރުގެ މިސަރައްހައްދަށް އިންޑިއާއިން ޒަމާނުއްސުރެ ދީފައިއޮންނަ، މިނިވަންކަން މޯޑީގެ ސަރުކާރުން ނިގުޅައިގަތްފަހު، އެ ސަރަހައްދުގައި ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.
އިންޑިއާއަށް ތާއީދުކުރާ، އެހެންމަވެސް، ކަޝްމީރުގައި އަމިއްލަވެރިކަމެއް އޮންނަން ބޭނުންވާ، "ދަ ޕީޕަލްސް އެލައަންސް ފޯ ގުޕްކާރ" (PAGD) އިން ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކައުންސިލް އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ، 280 ގޮޑީގެ ތެރެއިން112 ގޮޑި ކާމިޔާބު ކޮށްގެންނެވެ. މި އިންތިޚާބުތައް ބާއްވައިފައިވަނީ، ނޮވެމްމަބަރު 29 އިން ފެށިގެން ޑިސެމްބަރު 19ގެ ނިޔަލަށް 8 ބުރަކަށް ބަހާލައިގެންނެވެ.
މިއިންތިޚާބުގައި، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯޑީގެ، ހިންދޫ ވަތަނީ ޕާޓީ، ބީޖޭޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 74 ގޮޑިއެވެ.
ބީޖޭޕީގެ ތާއިދު އެންމެ ކުޑަކޮށް އޮންނަ، ޖަންމޫ ވެލީން އެޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 3 ގޮޑިއެވެ. ޕީޖޭޕީއަށް ކިޔާވެސް ތާއީދެއް ލިބިފައިވަނީ، ޖަންމޫ އޭރިޔާގައި ހިންދޫ މެޖޯރިޓީ އޮންނަ އަވަށްތަކުން އެކަންޏެވެ.
އިންޑިއާއިން ކޮންޓްރޯލް ކުރަމުންދާ ކަޝްމީރު ސަރަހައްދުގެ، 20 ޑިސްޓްރިކްޓުގައި، ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ 6 މިލިއަން މީހުންގެ ތެރެއިން %51 މީހުން މިއިންތިޚާބުގައި ވޯޓުލާފައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން، މިއިންތިޚާބު ސިފަ ކޮށްފައިވަނީ، "އެންމެ ބޮޑު ޑިމޮކްރަސީގެ ފެސްޓިވަލް"ގެ ގޮތުގައެވެ.
މިހާތަނަށް ނަތީޖާ އިއުލާން ނުކުރެވިވާ މަދު ގޮޑިތަކެއްގެ ނަތީޖާ ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.
އިންތިޚާބު ކާމިޔާބުކުރި ކޯލިޝަން (PAGD)ގެ ތަރުޖަމާން، އަދި ކޯލިޝަންގައި ހިމެނޭ އިންޑިއާަށް ތާއީދުކުރާ ޕާޓީއެއް ކަމުގައިވާ، ޕީޕަލްސް ކޮންފަރެންސްގެ ރައީސް، ސަޖަދު ލޯން ވިދާޅުވެފައިވަނީ، މިއިންތިޚާބަކީ، (PAGD)އަށް ތާޢިދުކޮށް ރައްޔިތުން ކޮށްފައިވާ ފުރިހަމަ ހުކުމެއް ކަމުގައެވެ.
'އުންމީދު ކުރަނީ، މިއިންތިޚާބަށްފަހު، ސިޔާސީ މުހިންމު މަސައްކަތްތަކެއް ފެށިގެން ދާނެ ކަމަށް،" ލޯން ވިދާޅުވިއެވެ.
ކަޝްމީރުގެ މިސަރަހައްދުގެ ސިޔާސީ ހުރިހަރަކާތެއް ފާއިތުވެދިޔަ އަހަރު ހުއްޓުމަކަށް އައީ، މޯޑީގެ ސަރުކާރުން، އެގައުމުގެ ގާނޫނު އަސާސީގައި ކަޝްމީރަށް ލިބިދީފައި އޮންނަ މިނިވަންކަން ހިމާޔަތް ކޮށްދޭ މާއްދާ އާރޓިކަލް 370 މިދިއަޔަ އަހަރުގެ އޮގްސްޓު މަހު އުވާލުމާ ގުޅިގެންނެވެ. އަދި އެއަށްފަހު އިންޑިއާ ސަރުކާރުންވަނީ މިސަރައްހައްދުގެ ގިނަ ސިޔާސީވެރިން ހައްޔަރު ކޮށްފައެވެ.
"އަހަރުމެން އެންމެ އެކައްޗެއް މިކީ، ޖައްމޫ ކަޝްމީރުގެ ރައްޔިތުންގެ ހައްގުގައި. ރައްޔިތުންވަނީ ބަސް އިއްވާފަ. އެއީ އެންމެ މުހިންމު ކަމަކީ. އެހެން ޕާޓީތަކުން ބުނާ އެއްޗެއް އަހަރުމެންނަށް މުހިންމެއް ނޫން،" އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަންގެ ތަރުޖަމާނު ވިދާޅުވިއެވެ.
މިއީ ތާރީޚުގައިވެސް، ޖައްމޫ ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގެ އެންމެ ބޮޑު ސިޔާސީ ދެޕާޓީކަމުގައިވާ، ފާއިތުވެ ދިޔަ 70 ވަރަކަށް އަހަރު އެސަރަހައްދުގައި ވެރިކަން ކޮށްފައިވައިވާ، ނޭޝަނަލް ކޮންފަރެންސްއާއި އަދި ކުރީގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީގެ ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ (ޕީޑީޕީ) އިން އެއްގަލަކަށް އެރި ފުރަތަމަ ފަހަރެވެ. މިދެޕާޓީއިން ވަނީ، ކުދި އެންޕާޓީތަކާއި ގުޅިގެން ބޮޑު ކޯލިޝަނެއް އުފައްދާަފއެވެ.
ގިނަ ޕާޓިތަކެއް އެކުލެވޭ ކޯލިޝަނެއް އުފައްދައިގެން މި އިންތިޚާބުގައި ކަޝްމީރުގެ ގިނަ ޕާޓީތަކެއް ވާދަކުރަން މިނިންމީ، ޕީޖޭޕީ ބޮޑުތަނުން ބަލިކޮށް، މޯޑީގެ ސަރުކާރުން ނިގުޅައިގެންފައިވާ، އިންޑިއާގެ ގާނޫނު އަސާސީން އެސަރަހައްދަށް ކަށަވަރު ކޮށްދޭ މިނިވަންކަން އަބުރާ އިއާދަ ކުރުމުގެ މަގުސަދުގައެވެ.
ކޮމެންޓު ފޮނުވާ