ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި 2000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
މިއަދު ހޯމް މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި 17 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލާއި ހަމައަށް 2013 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.
އެގޮތުން ޑީޕޯޓްކޮށްލި ބިދޭސީންގެ ތެރޭގައި ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވެ ވަރަށް ސީރިއަސް މައްސަލަތަކުގައި ހިމެނޭ ބިދޭސީންވެސް ހިމެނޭ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން ވަނީ މިހާރު އިމިގްރޭޝަނުން ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަނާއި ގުޅޭ ބައެއް މައުލޫމާތުތައްވެސް ހާމަކުރައްވާފައި އެވެ. އެގޮތުން މާލޭގެ މާރުކޭޓުތަކުގައި އާއި ދިވެއްސެއްގެ ބައިވެރިވުމެއް ނެތި ބިދޭސީން އެކަނި ކުރަމުން އަންނަ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 120 އަށް ވުރެ ގިނަ ބިދޭސީން ހިފަހައްޓާފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ އެ އޮޕަރޭޝަންގައި ހިފަހައްޓާ ފަރާތްތަކަކީ ދެވަނަ ފުރުސަތެއް ދެވޭނެ ފަރާތްތަކެއް ނޫން ކަމަށާއި އެބިދޭސީން ވީއެންމެ އަވަހަކަށް ޑީޕޯޓުކުރުމުގެ މަސައްކަތްތައް އިމިގްރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ