1.29 މިިލިއަން ޑޮލަރަށްވުރެ ބޮޑު އެހީއެއް ރާއްޖެއިން ފަލަސްތީނަށް ހަދިޔާ ކުރަނީ

1.29 މިިލިއަން ޑޮލަރަށްވުރެ ބޮޑު އެހީއެއް ރާއްޖެއިން ފަލަސްތީނަށް ހަދިޔާ ކުރަނީ

Author
ޙަސަން މުޙައްމަދު
12 ޖުލައި 2024 11:58
0

އދ.ގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޔޫއެންއާރުޑަބްލިއުއޭ ޕްލެޖިން ކޮންފަރެންސްގައި ޔުނައިޓެޑް ނޭޝަންސް ރިލީފް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) މެދުވެރިކޮށް ރާއްޖެއިން ފަލަސްތީނަށް 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

ރާއްޖެއިން މިވައުދު އިޢުލާނުކޮށްފައިވަނީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު މުޙައްމަދު ދެއްވި ބަޔާނެއްގައެވެ.
ސަފީރު ޑރ.ޢަލީ ނަޞީރު ބަޔާނުގައި ވިދާޅުވީ ޔޫއެންއާރުޑަބްލިއުއޭއަށް ދިވެހި ސަރުކާރުން ދޭ އަހަރީ ކޮންޓްރިބިއުޝަން 5،000 ޑޮލަރުން 50،000 ޑޮލަރަށް، ދިހަ ގުނަ އިތުރުކޮށްފައިވާ ކަމަށެވެ. ސަފީރު ޑރ.ޢަލީ ނަޞީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ އިރުޝާދުގެ ދަށުން ފަލަސްޠީނާއެކު ތިބިކަމާއި، އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭގައި ޓެލެތޯނެއް ބާއްވައި، އެ ޓެލެތޯން މެދުވެރިކޮށް 18.4 މިލިއަން ދިވެހި ރުފިއްޔާއާއި، 49،800 އެމެރިކާ ޑޮލަރު ހޯދައި، ޔޫ.އެން.އާރު.ޑަބްލިއު.އޭ މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަފީރު ޑރ.ޢަލީ ނަޞީރު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކާއި، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫ.އެން.އާރް.ޑަބްލިއު.އޭއިން އަދާކުރާ މުހިންމު ދައުރެއް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން ޔޫއެންއާރްޑަބްލިއުއޭއަށް އަދާކުރަންޖެހޭ މާލީ އަދި ސިޔާސީ ޒިންމާތައް އަދާކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އެންމެ ގަދަ އެއް އަޑަކީ ދިވެހިރާއްޖެ އެވެ. އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރަނީ ފަލަސްތީނާ އެއްކޮޅަށެވެ. ދިވެހީންގެ ފެންވަރުން އަބަދުވެސް ބޮޑެތި އެހީތެރިކަން އެ ގައުމަށް ފޯރުކޮށް ދެ އެވެ.

އިޒްރޭލުން ހިންގަމުންދާ މި ގަތުލްއާންމުގައި ފަލަސްތީނުގެ 38،400 އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.