މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޗެއާމަން އަދި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށް ގިޔާސް އައްޔަން ކުރި ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް ކަށަވަރުކޮށްދެއެވެ.
ގިޔާސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގައި 10 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މަޓާޓޯގެ ރައީސްކަން ވެސް ކުރައްވައިފައެވެ.
ގިޔާސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ މި މަސައްކަތް ފަށައިގަތީ. ރާއްޖެ އިޝްތިހާރު ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ތަނުގައި ކުރާ ތަން ފެނިގެންދާނެ. ރައްޔިތުންނަށް ޔަގީންކަން ދެން ފުރިހަމައަށް ޒިންމާ އަދާކުރައްވާނެ ކަމުގެ." ގިޔާސް ވިދާޅުވިއެވެ.
ގިޔާސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިން އިޝްތިހާރު ކުރުމަށާއި އެނދުތައް ރަނގަޅު އަގުގައި ވިއްކައި މަންފާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ކުންފުންޏެވެ. އެ ޒިންމާގެ ދަށުން އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.