ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައި ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތުކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މި އަހަރުތަކުގައި ގާނޫނުއަސާސީ ތަންފީޒު ކުރުމުގައި ކާމިޔާބީ ހާސިލްކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ހާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އަޅަން ޖެހޭ ބައެއް އިސްލާހީ ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ މެމްބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ބާރުއަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިޙުސާސްތަކަށް ރިއާޔަތް ކުރެއްވުމުގެ މުހިންމު ކަންވެސް ފާހަގަ ކުރައްވައިފައެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި، އަމިއްލައަށް ޖަވާބުދާރީ ވުމާއި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް އަމާޒުކޮށް، ނައިބު ރައީސް ނާޒިމް ގޮވާލެއްވީ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށެވެ. އަދި އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށްވެސް ބާރުއެޅުއްވިއެވެ.
ނާޒިމް ވަނީ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށްވެސް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން ޢިއްޒަތްތެރި މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުމަށް ވެސް އެދިވަޑައިގަތެވެ.