ރައްޔިތުންގެ މަޖިލިހުގައި މިހާރު ރައްޔިތުންގެ އަޑު އިވުނަކަ ނުދެއްވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެގޮތަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާދައިގެ މުވައްޒަފުން ވަޒީފާއިން ކެނޑުން ހުއްޓާލުމަށް ގޮވާލައްވައި މައުރޫފް ހުށަހެޅި ކުއްލި މައްސަލަވެސް ބޭރުކޮށްލާފައިވާ ކަމަށާއި މަޖިލިހުގައި ރައްޔިތުންގެ އަޑު މިހާރު އިއްވުމަށް ފުރުސަތު ނުދޭ ކަމަށެވެ.
"ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލަވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފި. ރައްޔިތުންގެ އަޑު މިހާރު މަޖިލީހުގައި އިވުނަކަނުދޭ" ޝާހިދު ވިދާޅުވިއެވެ.
މަޖިލިހުގެ ޖަލްސާގައި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. އަދި މަޖިލިހުގައި ތިއްބެވި 52 މެމްބަރުންގެ ވޯޓުން އެ މައްސަލަ ވަނީ މަޖިލިހުން ބޭރުކޮށްލައިފައެވެ.