ސީއެޗްއެސްސީގައި ދަރިވަރުން ނަމާދުކުރަން ހާއްސަ ތަނެއް

ސީއެޗްއެސްސީގައި ދަރިވަރުން ނަމާދުކުރަން ހާއްސަ ތަނެއް

Author
އަހުމަދު
07 ޖުލައި 2024 03:42
0

ހުޅުމާލޭގައި އޭލެވެލް އަށް ކިޔަވައި ދެމުން އަންނަ ސީއެޗްއެސްސީގައި ދަރިވަރުން ނަމާދުކުރުމަށް ހާއްސަ ތަނެއް ހަދައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހެދި މި ތަން ހުޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީ އިން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ނަމާދުކުރާ ތަނެއް ހަދައިދީފައިވާ ކަމަށެވެ. ވުޟޫކުރުމުގެ އިންތިޒާމް ވެސް އެތަނުގައި ހަމަޖެހިފައި ހުންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ސީއެޗްއެސްސީއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން، ނަމާދުކުރުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ތައްޔާރުކޮއްދެއްވި "ނަމާދުގެ" ހުޅުވާ ދެއްވި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި ރާއްޖޭގައި މަތީ ސާނަވީ ތައުލީމަށް ހާއްސަ ސްކޫލް ހުޅުވައިދެއްވެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ ސްކޫލް ހުޅުވީ 1979 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހުގައެވެ. އެ ސްކޫލްގެ ނަން ސީއެޗްއެސްސީއަށް ބަދަލުކުރީ 2001 ވަނަ އަހަރުގައެވެ.

ސީއެޗްއެސްސީގައި ކިޔަވައިދޭން ފެށި އިރުގައި ތިބީ 47 ދަރިވަރުންނެވެ. ނަމަވެސް މިހާރު އެ ސްކޫލްގައި 1000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.