ސަރުކާރުގެ ހަރަދުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރަތަމަ ބުރަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކު ކަނޑައަޅައި އެހީ ދޭން ނިންމައިފިއެވެ.
ގުދުރަތީ ގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ނިންމި ވައުދެކެވެ. ސަރުކާރުން ވީ ވައުދާ އެއްގޮތަށް މި އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ.
އެގޮތަށް ކަނޑައަޅައި އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
އެންސްޕާ އިން ބުނީ، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރުސަތު މިދިޔަ މެއި މަހުގެ 15ގެ ނިޔަލަށް ހަމަވި އިރު، އެހީއަށް އެދި 153 މީހުން ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ކަނޑައެޅި ޝަރުތު ހަމަވި 37 މީހުންނަށް މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އެންސްޕާ އިން ބުނީ، އަދި މިހާރު ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައި ނުވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވެފައިވާ މީހުންނަށްވެސް މި މަހުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.
ކޮމެންޓު ފޮނުވާ