މަރުތޭލަކުން ޕްރިޒަން އޮފިސަރެއް ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މަރުތޭލަކުން ޕްރިޒަން އޮފިސަރެއް ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
ހުސައިން
02 ޖުލައި 2024 11:21
0

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާ ލިބިފައިނުވާ ކަމަށާއި، އެހެންނަމަވެސް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމުގައެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު މައްސަލައާ ގުޅިގެން ކަމަަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ. މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ވަނީ ކަށަވަރުކުރެވިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން  އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ 2024 ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 2024 ޖޫން މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.