ޖަލަށް މަނާތަކެތި ވައްދަމުންދާ މައްސަލާގައި މިހާތަނަށް ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މި 13 މީހުންގެ ތެރެއިން 9 މީހުން ހައްޔަރުކޮށްފައި ވަނީ މާފުށިން ކަމަށެވެ. އަދި ކާށިދޫއިން 2 މީހުން ހައްޔަރުކޮށްފައި ވާއިރު އުތީމުން މީހަކު އަދި މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، ޖަލަށް މަނާތަކެތި ވައްދަމުންދިޔަ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކުގައި 73 މިލިޔަން ރުފިޔާ ޖަމާވެފައިވާ ކަމުގައެވެ.
ފުލުހުންގެ ފަރާތުން ރޭ ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތުކުރެވިފައި ވާކަމުގައެވެ. އެ ތުހުމަތުތަކާއެކު، ރޭ އެ ޖަލުގައި ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި 18 މުވައްޒަފެއްގެ މައްސަލަ ބަލަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ޖަމާކޮށްފައިވާ ކަމަށާއި، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށާފައިވާ ކަމުގައެވެ.
އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވޭ. އެގޮތުން 24 މިލިއަން ރުފިޔާއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވޭ. މި ފައިސާ އެކައުންޓަތަކަށް ޖަމާވެފައިވަނީ ކުށުގެ ވެށީގައި ހިމެނޭ މީހުންނާއި ޖަލުގައި ތިބި ކުށްވެރިންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ އެކައުންޓްތަކުންކަން ފާހަގަކުރެވޭ. މި އޮޕަރޭޝަން ކުރިއަށްދާތީ އެންމެ ފުރިހަމަ މަޢުލޫމާތުތައް އަދި ހާމަކުރެވެން ނެތް ނަމަވެސް ކުރިއަށް ހުރި ވަގުތުތަކުގައި މަޢުލޫމާތު ލިބޭވަރަކުން މިމައްސަލައިގެ މަޢުލޫމާތުތައް މީޑިއާތަކަށް ހާމަކުރާނަން.
ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކަރެކްޝަންސް ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް ޖުމުލަ 73،600،000 ރ. ޖަމާވެފައިވާކަމަށެވެ. އަދި އެ ފައިސާއަކީ، 2023 ގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާކަން އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މާފުށީ ޖަލުގައި މިހާރު ކުރިއަށް ގެންދާ އޮޕެރޭޝަނުގެ ދަށުން މިހާރުވެސް ބައެއް މުވައްޒަފުން ހައްޔަރު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.