ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ވައްކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ވައްކަމުގެ މައްސަލަތަކުގައި މިއަދު މީހުން ހައްޔަރު ކޮށްފައިވަނީ މާލެއާއި ރ. މަޑުއްވަރީންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރީން 2 މީހަކާއި މާލެއިން 3 މީހެއް ކަމުގައެވެ.
އެގޮތުން ރ މަޑުއްވަރީގައި މިމަހުގެ 12 ވަނަ ދުވަހު މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަގަށް ނަގައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ސާމާނު ތަކެއް ހޯދާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެގޮތުން މި މައްސަލާގައި ވައްކަން ކުރި ކަމުގެ ތުހުމަތު ކުރޭވެ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން މީޑިއާ އޮފިޝަލް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިއަދު 13:15 ހާއިރު މާލޭގައި ވަގަށް ނަގައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ޖާޒީތަކެއް ގެންގުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާއި އެކު ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމައްސަލަވެސް ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ