ކުއްޖަކު އައިޖީއެމްއެޗުގެ އިހުމާލުން ނިޔާވި ކަމަށްބުނާ މައްސަލައެއް ބަލަނީ

ކުއްޖަކު އައިޖީއެމްއެޗުގެ އިހުމާލުން ނިޔާވި ކަމަށްބުނާ މައްސަލައެއް ބަލަނީ

Author
ހުސައިން
08 ޖޫން 2024 11:15
0

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިހުމާލުން ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ކަމަށް އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރުމާ ގުޅިގެން ހޮސްޕިޓަލުން އެތެރޭގެ ތަހުގީގެއް ހިންގަން ފަށައިފިއެވެ.

އެ ކުއްޖާ ނިޔާވެފައިވަނީ މިދިޔަ ބުދަ ދުވަހު ހަވީރުއެވެ. އާއިލާއިން ބުނީ ހުކުރު ދުވަހުގެ މެންދުރު ފަހު ފުރަތަމަ ހުން އައުމުން، ހޯމަ ދުވަހު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އާއިލާއިން ބުނިގޮތުގައި ކުއްޖާގެ ހުން 103 ފެރަންހައިޓްގައި ހުރި އިރުވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެއް ނުވެއެވެ.

ޓްރައޭޖް ކުރި އިރުވެސް ބަލާފައި ވަނީ ހަމައެކަނި ބަރުދަނާއި ހުން ހުރި މިންވަރު އެކަނި ކަމަށާއި އެ ދުވަހު ކުއްޖާއަށް އައިޖީއެމްއެޗުން އިންޖެކްޝަނެއް ދިން ކަމަށް އާއިލާއިން ބުނެއެވެ. ޑޮކްޓަރު ލަފާދެއްވާފައި އޮތީ އައިވީކޮށް އިންޖެކްޝަން ދިނުމަށް ނަމަވެސް ނަރުހުން އިންޖެކްޝަން ދިނީ ސީދާ ނާރަށް ކަށި ޖަހައި ސިރިންޖުން ކަން ފާހަގަކޮށް އާއިލާއިން ބުނީ ކުއްޖާގެ ހާލަތު ގޯސްވީ އެ އިންޖެކްޝަން ދިން ފަހުން ކަމަށެވެ.

އެއަށްފަހު ކުއްޖާގެ ހިތުގެ ހިނގުން އަވަސްވެ ބޯއަނބުރައި ހޮޑުލެވުންފަދަ މައްސަލަތައް ކުރިމަތިވެ، އަދި ހާލަތު ގޯސްވެ ފިޓްޖެހޭ ގޮތްވެ ކުއްޖާ ހުއްޓިގެން ބުދަ ދުވަހު ހަވީރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކުއްޖާ ގެންދިޔައިރުވެސް ވިންދު ނެތްކަމަށާއި، ނަމަވެސް ސީޕީއާރްދީގެން ވިންދު ލިބުމަށް ފަހު އަނެއްކާވެސް ހާލަތު ގޯސްވެ ކުއްޖާ ނިޔާވިކަމަށް ޑޮކްޓަރުން ކަނޑަޅީ ހަވީރު 5 ޖެހިފަހުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކުއްޖާގެ އާއިލާއިން ބުނީ ކުއްޖާ މަރުވި ފަހުން، ލިބުނު ލޭގެ ރިޕޯޓްގައި ކުރިން ޑެންގޫހުން ޖެހިފައިވާކަން އެނގެން އޮތް ނަމަވެސް އެންޓިންޖެން ޓެސްޓްގައި ޑެންގޫއަށް ނެގެޓިވްކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ބުނީ ކުއްޖާގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ހޮސްޕިޓަލުން ބަލަމުންދާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުހެ އިހުމާލުން ނުވަތަ ފަރުވާކުޑަ ވުމުގެ ސަބަބުން މީހުން ނިޔާވާ މައްސަލަތައް މަދުން ނަމަވެސް ފެންމަތިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.