ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް ސްކޫލްތަކުގައި މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ދަންފަޅީގެ ކިޔެވުން ނިމޭތާ ދެ ގަޑިއިރުކަމަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
މިގޮތަށް އަންގާފައިވަނީ، ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރަން ކްލާސްތަކުން ވަކިވަކި ވަައިބާ ގުރޫޕް ނުހެދުމަށް އަންގައި، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައެވެ.
އެގޮތުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހެދުމަށް ވަނީ އަންގާފަ އެވެ.
އެ ކޮމިއުނިޓީ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
އެ ސާކިއުލާގައި ވަނީ ރަސްމީ މުއާމަލާތު ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތަކަކީ ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕްތަކަކަށް ހެދިދާނެ ކަމަށެވެ.
ސްކޫލުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލްގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އެ ސާކިއުލާގައި ވަނީ ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.