އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ދިހަ ވަރަކަށް އަހަރު ފަހުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލޭނެ ކަމަށް ބެލެވިއްޖެއެވެ.
ގާތްގަޑަކަށް 2 މަސްދުވަހަށް ކުރިޔަށްދިޔަ، ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ޑިމޮކްރެޓިކް އިންތިޚާބުގެ ވޯޓުލުން ނިމި، މިހަރު ވޯޓު ގުނަމުންދާއިރު، މިހާތަނަށް ދައްކާ ގޮތުގައި އިންޑިއަން ނޭޝަނަލް ކޮންގްރެސް އިސްވެ އޮވެ އުފެއްދި ކޯލިޝަންއިން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރަމުންދާތީ، ހިންދޫންގެ ވަތަނީ ޕާޓީ ބީޖޭޕީއަށް ސަރުކާރެއް އުފައްދަން އެހެން ޕާޓީތަކުގެ އެހީތެރިކަން ހޯދަން ޖެހޭކަމަށް މިހާރުވަނީ ޔަގީން ކުރެވިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް އިންތިޚާބު ބޭއްވުނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. އިންތިޚާބުގެ ވޯޓުލާން ފަށާފައިވަނީ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ ވޯޓުލުން ނިމިފައިވަނީ މި ހަފްތާގެ ހޮނިހިރު ދުވަހުއެވެ.
ބީޖޭޕީއަށް މަޖިލިހުގެ މެޖޯރިޓީ ގެއްލުނުނަމަވެސް، އިންޑިއާގެ ރައްޔިތުން، މިހާރުވެސް އިންޑިއާގެ ވެރިކަން ކުރަމުންދާ ހިންދޫންގެ ވަތަނީ ޕާޓީ ޕީޖޭބީއަށް އިތުބާރު ކޮށްފި ކަމަށާއި، އިންތިޚާބުގައި ޕީޖޭޕީއަށް ލިބިގެންދިޔައީ ތާރީޚީ ކާމިޔާބީއެއް ކަމުގައި އިންޑިއާގެ މިހާރުގެވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ.
ހޮނިހިރުދުވަހު ނިމިގެންދިޔަ އިންޑިއާގެ އާންމު އިންތިޚާބު ބީޖޭޕީއިން ކާމިޔާބު ކޮށްފައިވާކަން ހާމަކުރައްވަމުން މޯދީ ވިދާޅުވީ ބީޖޭޕީ ކޯލިޝަނަށް އިންޑިއާގެ ރައްޔިތުން "ޖެހިޖެހިގެން ތިން ވަނަ ފަހަރަށް" އިތުބާރު ކޮށްފައިވާ ކަމަށެވެ.
"މިއީ އިންޑިއާގެ ތާރީހުގައި ވެސް ލިބުނު ތާރީހީ ކާމިޔާބީއެއް،" ނިއު ދިއްލީގައި ޕާޓީގެ އެކްޓިވިސްޓުންނާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވޭތާ ކުޑަ އިރުކޮޅެއް ކުރިން އެކްސްގައި މޯދީ ލިޔުއްވާފައިވެ އެވެ.
މޯދީ ވަނީ އޭނާގެ ޕާޓީގެ އެކްޓިވިސްޓުންގެ "ލޯތްބަށް" ޝުކުރު އަދާކުރައްވައި، "ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމުގައި ދެމިތިބުމަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ކުރެވުނު ރަނގަޅު މަސައްކަތްތައް ކުރިއަށް ގެންދަވާނެ" ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. "އެމީހުންގެ އާދަޔާ ޚިލާފު މަސައްކަތްތަކަށް އަހަރެމެންނަށް ދުވަހަކުވެ ބަދަލެއް ނުދެވޭނެ" މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ އާންމު އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން ވެރިކަންކުރާ ބީޖޭޕީއާއި އެޕާޓީއާއި ގުޅިފައިވާ އިއްތިހާދަށް ލިބިފައިވަނީ 141 ގޮނޑިއެވެ. އަދި ކޮންގްރެސް ޕާޓީން 104 ގޮނޑި ކާމިޔާބު ކޮށްފައި ވެއެވެ. އެހެން ޕާޓީތަކަށް 16 ގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ.
އެހެންނަމަވެސް މިހާތަނަށް އަދި ގުނިފައި ނުވާ ގޮނޑިތަަކުގެ ތެރެއިން 142 ގޮނޑިއެއްގައި ބީޖޭޕީ ކުރީގައި އުޅޭއިރު 118 ގޮނޑިއެއްގައި ކުރީގައި އުޅެނީ ކޮންގްރެސް ޕާޓީއެވެ.
543 ގޮނޑި ހިމެނޭ އިންޑިއާގެ މަޖިލިހުގައި ސަރުކާރު އުފެއްދުމުގެ ފުރުސަތު ލިބޭނީ 270 ގޮނޑި ކާމިޔާބު ކުރެވޭ ޕާޓީއަކަށެވެ.
ކޮމެންޓު ފޮނުވާ