ފަސްވަނަ ރާއްޖެ – ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުން މާދަމާ، 2 ޖޫން 2024 ގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އޮންނާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ބައްދަލުކުރެއްވުމުގެ މަޤްޞަދަކީ ރާއްޖެއާއި އީޔޫއާ ދެމެދު ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވުން ކަމުގައެވެ. އެގޮތުން މިއަހަރުގެ ބައްދަލުވުމުގައި ޑިމޮކްރެޓިކް އިޞްލާޙުތަކާއި، ފެހި އިންތިގާލީ އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، އެޑަޕްޓޭޝަންއާއި، ހެޔޮވެރިކަމާއި، ޝަރުއީ ދާއިރާ އިޞްލާޙުކުރުމާއި، ސަލާމަތާއި ރައްކާތެރިކަމާއި ބެހޭގޮތުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އިތުރަށް ގުޅުން ބަދަހިކުރުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާތައް މުތާލިއާކުރުންވެސް ހިމެނޭކަމަށް ފިރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ރައީސް އޮފީސް، ފިނޭންސް މިނިސްޓްރީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ބަންޑާރަ ނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެމްއެންޑީއެފް ކޯސްޓްގާޑް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ އެވެ.