ޙާފިޒް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސްގެ ތައުޒިޔާ ވިދާޅުވެއްޖެ

ޙާފިޒް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސްގެ ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހިދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މަރްޙޫމް އަޙްމަދު ޙާފިޒަކީ ދައުލަތުގެ އެކިމަގާމުތައް 33 އަހަރަށްވުރެ ގިނަ މުއްދަތަކަށް ފުރުއްވާފައިވާ، ޚާއްޞަގޮތެއްގައި ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް އެކަށަހަޅުއްވައި، މަސްވެރިކަމުގެ ދާއިރާއިން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މަރްޙޫމް ޙާފިޒު އަވަހާރަވީ ކެންސަރު ބަލީގައި ފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 62 އަހަރެވެ.

މަރްޙޫމް ހާފިޒުގެ ވަކިވުމާއިގުޅިގެން މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސް ތަޢުޒިޔާ ވިދާޅުވެ ޙިއްޞާކުރެއްވި މެސެޖުގައި ޙާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމް، ޕީއެންސީއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޚާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

މަރްޙޫމް އަޙްމަދު ޙާފިޒް ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 30 މެއި 1981ގައި، ފިޝަރީޒް ޑިވިޜަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަޤާމުންނެވެ.

ޖުމްލަ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަރްޙޫމް ޙާފިޒް ދައުލަތަށް ޚިދުމަތްކުރައްވާފައި ވާއިރު އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަޤާމުތައް ފުރުއްވާފައެވެ.

މީގެ އިތުރުން މަރްޙޫމް ޙާފިޒަށް ވަނީ މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.

މަރުޙޫމް އަޙްމަދު ޙާފިޒް ފަސްދާނުލުން އޮންނާނީ، މިރޭގެ ޢިޝާ ނަމާދަށް ފަހު، މަސްޖިދު ޒައިދު ބިން ޘާބިތު، 'ހުޅުމާލެ ސަހަރާ މިސްކިތު’ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *