ރާއްޖޭގައި ވޭޕާއި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ ރޭ ގޮވާލައްވައިފިއެވެ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ "ޗައިނާ ވައިޓް" ބައިނަލްއަގުވާމީ މާކެޓްގައި ދައުރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ރާއްޖެ އިން އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަން ވެސް އެ ބަޔާނުގައިވެއެވެ.
ޑރ. މުހައްމަދު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންފެކްޝަން ހުރެގެން އެޑްމިޓް ކުރާ ބައެއް މީހުން ބުނާ ގޮތުގައި އެމީހުން "ޗައިނާ ވައިޓް" ޑްރަގްސް ބޭނުން ކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އިންފެކްޝަނަކީ އެ ޑްރަގް ބޭނުން ކުރުމުން އުފެދޭ އެއްޗެކެވެ. އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ކަމަށް ވިދާޅުވިއެވެ.
އެހެންވެ، ޒުވާން ޖީލެއް ހަލާކުވުމުގެ ކުރިން މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް މަނާ ކުރަން އޭނާ ވަނީ ގޮވާލައްވައިފައެވެ.
ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، 'ފެންޓަނީލް-ލޭސްޑް ޑްރަގްސް' ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ "ޗައިނާ ވައިޓް"، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، އެ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.