ރާއްޖެ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި ބޮޑު ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފި އެވެ.
އިންޑިއާގެ މަސް ބޯޓު "ހޮލީ ސްޕިރިޓް" ގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކޮށްފައިވަނީ 4.2 މިލިއަން ރުފިޔާއިންނެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބިދިނުމަށާއި "ހޮލީ ސްޕިރިޓް" ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ޖޫރިމަނާ މާފުކޮށްދިނުމުން ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ނިންމި ނިންމުމުން އެނގޭ ގޮތުގައި އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުން މާފުކޮށްދީފައިވަނީ 10 މާޗް 2024 ގަ އެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް "ހޮލީ ސްޕިރިޓް" 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށް އެ ނިންމުމުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ވަނީ ފިޝަރީޒް މިނިސްޓްރީން ދައުވާ އަނބުރާ ގެންދަން ބޭނުންވާތީ މައްސަލަ ކޯޓުން ބޭރުކޮށްލާފާ އެވެ.