އިންޑިއާގެ މޯހަން މުތާ އިން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން މޯލްޑިވްސް ކަސްޓަމްސް އިން އެކުންފުނީގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
މޯލްޑިވްސް ކަސްޓަމް ސާވިސްއިން އިންޑިއާގެ މޯހަން މުތާ ޕޮއިންޓް ތްރީ އެލްއެލްޕީއަށް ސިވިލް ކޯޓުގައި ދައުވާކުރީ އެކުންފުނިން ދައްކަންޖެހޭ އިމްޕޯޓު ޑިއުޓީގެ ފައިސާ ނުދައްކައިގެންނެވެ.
އެހެންނަމަވެސް ކަސްޓަމްސްއިން މިހާރުވަނީ އެ ދައުވާ އަނބުރާ ގެންގޮސްފައެވެ. ދައުވާ އަނބުރާ ގެންގޮސްފައިވަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެމްއެމްއެކްސްޕޯޓުން ދައްކަންޖެހޭ 734,210.56 ރުފިޔާ ދެއްކުމުންނެވެ. މި ފައިސާ އެމްއެމްއެކްސްޕޯޓުން ދައްކާފައިވާކަން ކަސްޓަމްސްއިންވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ސިވިލް ކޯޓަށް ކަސްޓަމަސްއިން އަންގާފައިވާތީ ދައުވާ ބާތިލްކުރާ ކަމަށެވެ.
އިންޑިއާގެ އެމްއެމްއެކްސްޕޯޓަކީ ހުރިހާ ސަރުކާރެއްގައިވެސް ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ތަކެއްޗާއި މުދާ ސަޕްލައި ކޮށްދޭ އިންޑިއާގެ ކުންފުންޏެކެވެ. އެކުންފުނިން ސަރުކާރު މަތީފަންތީގެ ފަރާތްތަކަށް ރިޝަވަތު ދޭކަމަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ.
މި ކުންފުނީގެ ހިލަ އުފުލާ ބާޖުތައް ފަރަށް އެރުމާއި ގުޅިގެން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްވެ، އީޕީއޭއިން އެ ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ. އެހެންނަމަވެސް، އެ ފައިސާ ދައްކާފައިވާ ކަމެއް އެނގިފައިނުވެއެވެ.
ކޮމެންޓު ފޮނުވާ