ތެލުގެ ވައްކަމުގެ މައްސަލާގައި އިތުރު 5 މުވައްޒަފަކު ސަސްޕެންޑްކޮށްފި

ތެލުގެ ވައްކަމުގެ މައްސަލާގައި އިތުރު 5 މުވައްޒަފަކު ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޖިމީ
20 ޑިސެމްބަރ 2020 01:17
0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރެއިން ހިނގި 8 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމާއި ގުޅިގެން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އިތުރު 5 މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ. މިމައްސަލާގައި މީގެ ކުރިންވެސް މީހަކު ސަސްޕެންޑްކޮށްފައިވެއެވެ. އެއީ އެފްއެސްއެމްގެ ބައުޒަރު ދުއްވާ މީހެކެވެ.

މަޢޫލޫމާތު ލިބިފައިވާގޮތުގައި ތެލުގެ ވައްކަމާއި ގުޅޭ ތުހުމަތު އެމްޕީއެލްގެ އާދައިގެ މުވައްޒަފުންތަކަކަށާއި، މެނޭޖްމެންޓް ލެވެލްގެ ބަޔަކަށްވެސް އަންނަނީ ކުރަމުންނެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ، އެކުންފުނީގެ އިތުރު 5 މުވައްޒަފަކު ސަސްޕެންޑްކުރީ އިންޓަނަލް އޮޑިޓާއި ގުޅިގެން ކުރެވޭ ތުހުމަތުތަކުގައެވެ. ނަމަވެސް އެކުންފުނީގެ ސީނިއާ މެނޭޖްމަންޓުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އޮތްކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށާއި، ސަސްޕެންޑްކުރި އެންމެންނަކީ ވެސް ބައުޒަރު ދުއްވާ ޑިޕާޓްމެންޓަށް ނިސްބަތްވާ މީހުންކަމަށް ޤަސަމް ވިދާޅުވިއެވެ.

އެމްޕީއޭލްއާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުގެ ވަގު ވިޔަފާރީގެ މުޢާމަލާތެއް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލްއަކީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނަކަށްވާއިރު ކުރާ މަސައްކަތުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލަށްކަމަށެވެ. ތެލުގެ މިމައްސަލަ ފެންމަތި ވެފައިވަނީ ކޯވިޑްގެ ލޮކްޑައުންގައި ހިނގައިދިޔަ ކަންކަން ބެލުމަށް އެމްޕީއެލް ތެރޭގައި ހެދި އޮޑިޓް ރިޕޯޓުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމައްސަލަ ފެންމަތިވުމާއިއެކު ބޯޑަށް މައްސަލަ ހުށަހަޅައި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއާއި، ފުލުހުންނަށާއި، އޮޑިޓަ ޖެނެރަލް އަށް ހުށަހަޅާފައިވަކަމަށެވެ.

ޝާހިދު ވިދާޅުވީ ތެލުގެ ވަގު ވިޔަފާރިކޮށްފައިވަނީ ސޮއިވެސް ފޯޖުކޮށްގެންކަމަށެވެ. އަދި މިހާތަނަށް ބެލިލުމުން މިކަން އެކި ފަހަރުމަތީން ކޮށްފައިވާކަން މިކަން ހިންގުމުގައި އިއުތިރާފު ވެފައިވާ މުވައްޒިފުގެ ކިބައިން އެނގިފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގަށް ތެޔޮ ވިއްކާފައި ވަނީ، ލޮކްޑައުންނާ ގުޅިގެން، އެ ކުންފުނިން އާއްމުކޮށް މަސައްކަތް ކުރަމުން ދިޔަ އުސޫލަށް ބަދަލު ގެނެސް، މުވައްޒަފުންގެ އަދަދު މަދުކޮށް، މަސައްކަތް ހިންގާ އުސޫލަށް ވެސް ބަދަލު ތަކެއް ގެނެސްފައިވާ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު މިމައްސަލާގައި ޝާމިލުވާ ހުރިހާ މުވައްޒިފުން ގޭގައި މަޑުކުރަން އެންގިފައިވާކަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިމައްސަލަ ފުލުހުން މިހާރު ތަހުގީގު ފައްޓައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް މައްސަލަ ކުރިއަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންވެސް ދެއްވާފައިވާކަމަށެވެ. ތެލުގެ ވައްކަމުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ކުންފުނީގައި ހިނގި ޚިޔާލުތަފާތުވުމެއްގައި އެމްޕީއެލްގެ ޗެއާމަންގެ މަޤާމުން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ)ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
ހޫން. ތީގަވެސް ކުއްވެރިވާނީ ޑްރައިވަރާއި ކުނިކަހާމީހާ. ބޮޑު މުސާރަލިބޭ، ޒިންމާދާރު މަގާމުތަކުގައި ތިބިމީހުން ދެންވެސް ތިބެންވީ.