ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ފެނަކަ ކޯޕަރޭޝަންއިންވެސް މިއަދު ގޭބިސީތަކަށް ފޮނުވަން ފަށައިފިއެވެ.
ފެނަކައިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައިވާކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ… pic.twitter.com/8qFyaoKqQJ
— Fenaka Corporation Ltd (@TeamFenaka) May 5, 2024
އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
ކަރަންޓު ބިލް ކުޑަ ކުރުމަށްފަހު ފެނަކައިން ގޭބިސީތަކަށް ފޮނުވަން ފަށާފައިވާއިރު، ރޯދަމަހު ދިން ޑިސްކައުން ދީފައިވަނީ ރައީސް އެންގިގޮތަށް ނޫންކަމަށްވާތީ އަލުން ޑިސްކައުންޓް ދިނުމަށް ރައީސް އެންގެވުމާއި ގުޅިގެން އެމްޑަބްލިއުއެސްސީއިންނާއި ސްޓެލްކޯއިންވެސް މިހާރުވަނީ ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ގޭބިސީތަކަށް ފޮނުވަން ފަށާފައެވެ.
މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލާއި ފެންބިލުން ޑިސްކައިންޓް ދީފައިވަނީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ނޫންކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ކަމާއިބެހޭ ފަރާތްތަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށް، ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
މިމަހުގެ ކަރަންޓު ބިލް ގޭބިސީތަކަށް ދިޔައިރު އާންމު މަސްތަކަށްވުރެ ބިލް ބޮޑު ކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ސަރުކާރުގެ ތަރުޖަމާން ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއް ކަމަށާއި، ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށްވެސް ހީނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.