ފާޑުކިޔުން އަމާޒުވުމާ އެކު ވަކިކުރި ފަހުމީ އަލުން ފޮރިން މިނިސްޓްރީއަށް

ފާޑުކިޔުން އަމާޒުވުމާ އެކު ވަކިކުރި ފަހުމީ އަލުން ފޮރިން މިނިސްޓްރީއަށް

Author
އަހުމަދު
30 އޭޕްރިލް 2024 04:02
0

ފާޑުކިޔުންތައް އަމާޒުވެގެން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން އަނެއްކާ އެ މިނިސްޓްރީގެ ސިޔާސީ މަގާމެއް ދީފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި ފަހުމީ ވަކިކުރި އިރު، އޭނާ އަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރަތަމަ ދިނީ މިދިޔަ ނޮވެމްބަރު 20 ގައެވެ.

އެކަމަކު، އާންމުންގެ ފާޑު ކިއުންތައް އަމާޒުވާން ފެށުމާ އެކުގައި ފަހުމީ މަގާމުން ވަކި ކުރީ މިދިޔަ ނޮވެމްބަރު 24 ގައެވެ.

ފަހުމީ ވަކި ކުރިތާ ފަސް މަހެއްހާ ދުވަސް ފަހުން ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖްގެ މަގާމު ވަނީ ދީފައެވެ. ފަހުމީ އަށް އަލުން ސިޔާސީ މަގާމެއް ދިން ކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދެއެވެ.

ފަހުމީއާ މެދުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކަމުގައި ވިޔަސް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އަދި ރައްޔިތުންގެ މަޖިލިހުން އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

ފަހުމީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ވަކި ކުރި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވެފައި ވަނީ ބައެއް ބޭފުޅުން އައްޔަނުކުރެވުނީ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށެވެ.

"އައްޔަނުކުރި ދެ ތިން ބޭފުޅަކު ވަޒީފާއިން ވަކިކުރިން، ދެން އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ، އައްޔަނުކުރި އިރުގައި ބައެއް ކަންތައްތައް ޗެކު ނުކުރެވި އައްޔަނުކުރެވުނު ކުރުން އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން،" މިދިޔަ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

ފަހުމީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެލޭޝިއާގައި ހުންނެވި ދިވެހި ސަފީރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.