ކުރިއަށް އޮތް ފަސް އަހަރަށް ތައާރަފުކުރާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އަންހެން ފުލުހުންގެ ދައުރަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ސީޕީ ޝުޖާއު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބިފައިވާކަން ޔަގީން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި މުވައްޒަފުންގެ ތެރެއިން އަންހެނުން މުވައްޒަފުންގެ އަދަދު އުޅެނީ 15 އިންސައްތަައިގައިކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންނަށް އަދާކުރެވޭނީ ވަކި ކަހަލަ ދައުރެއްކަމަށް ޤަބޫލުކުރާ ސަޤާފަތެއް އޮންނަކަމަށެވެ. އެހެންކަމުން އެކަންކަން ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަދި އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި އަންހެން އޮފިސަރުން، ވެރިންގެ ގޮތުގައި މަސައްކަތް ކުރޭ. ސީރިއަސް ބޮޑެތި މައްސަލަތައް ބަލާ ޑިޕާޓްމަންޓުތައް ލީޑުކުރުމުގައާއި ތަހުގީގުގައި އަމަލީ ގޮތުން ބައިވެރިވާ އަންހެން އޮފިސަރުން އެބަތިބި. ފޮރެންސިކް އެނަލިސްޓުންގެ ގޮތުގައި އަދި ސީން އޮފް ކްރައިމްސް އޮފިސަރުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. ޕޮލިސް އެނަލިސްޓުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރާ ގިނަ އޮފިސަރުންނަކީ އަންހެން އޮފިސަރުން.
ދިވެހި ފުލުހުންގެ ޚިދުމަތަކީ އަންހެނުންނަށް ރައްކާތެރި އަދި ކުރިމަގު އޮތް މުއައްސަސާއަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިބި އަންހެން ފުލުހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތްކުރައްވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ދިރާސާތައް ހަދަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އަންހެނުންގެ ދައުރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ ލީޑަރޝިޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާކަމަށްވެސް ކޮމިޝަަނަރ ވިދާޅުވިއެވެ.