ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް %4.2 ގެ ކުރިއެރުމެއް އައިސްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ފަންޑަށް 319.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެއީ ފާއިތިވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4.2 ގެ ކުރިއެރުމެކެވެ.
ފާއިތުވެދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކޮށްފައިވަނީ 306.6 މިލިއަން ރުފިޔާއެވެ. މިއަހަރު ނިމޭއިރު މި ފަންޑުގައި 1 ބިލިއަން ރުފިޔާ ހުންނާނެކަމަށް ވަނީ ލަފާ ކޮށްފައެވެ.
މި ފަންޑަކީ ކުއްލި ހާލަތެއްގައި ނަގަންޖެހިދާނެ ލޯނު ދެއްކުމުގެ ގާބިލްކަން ހޯދުމަށް އުފައްދާފައިވާ ފަންޑެކެވެ. އޭގެ އިތުރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ނަގާ ލޯނުތައް ދެއްކުމުގެ ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މި ފަންޑުގެ ބޭނުން ކުރެވޭނެއެވެ. މި ފަންޑު އުފެއްދީ ރައީސް ޔާމިންގެ ވެރިކަމުގައި 2017 ގައެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
ރާއްޖެއިން ބޭރުގެ ދަރަނި އަދާކުރުމަށް 2025 އަދި 2026 ގައި ފައިސާގެ ބޮޑެތި އަދަދުތަކުން ހޭދަ ކުރަންޖެހޭނެތީ އެ އަހަރުތަކުގައި ސޮވެރިން ފަންޑުގައި ޖަމާވެފައި ހުންނަ ފައިސާ ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ