މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބައެއް މެމްބަރުން ޕީއެންސީއާ އާ ގުޅިވަޑައިގެންނެވި ނަމަވެސް ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށާއި އަމިއްލަ މެމްބަރުން ޕާޓީ ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
ހަބީބު އެގޮތަށް ވިދާޅުވެފައި ވަނީ އަމިއްލަ ގޮތުން މަޖިލިހަށް ކުރިމަތިލައްވައި ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ، މެމްބަރު ކަމުން ވަކިވާނެ ކަމަށް ބައެއް މީހުން ބުނަމުންދާތީއެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠަކުންކުރެ ޝަރުޠެއް މި 6 ބޭފުޅުންގެ އުންޏެއް ނުވޭ. އަދި އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް… https://t.co/HGVzcvoaGv
— Ismail Habeeb (@IsmailHabeeb) April 24, 2024
ހަބީބު ވިދާޅުވީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ އެއްވެސް ޝަރުތެއް އެ ހަ ބޭފުޅުންގެ އުނި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އެ ހާލަތްތަކަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުމާއި ފަނޑިޔާރު ކަމުގައިވުމެވެ.
ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އަދި 73 ވަން މާއްދާގެ (ބ) އާ ހިލާފަށް އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ގާނޫނަކުން އުނި ނުކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނު ކުއްލި ގޮތަކަށް މި މަހުގެ 1 ގައި ފާސްކުރި ނަމަވެސް އެ ގާނޫނުން ވަރަށް ގިނަ މައްސަލަތައް ފާހަގަ ކުރައްވައެވެ. އެއް ކަމަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ޝަރުތުތައް އުނިވާނެ ޝަރުތުތައް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް އަލަށް އުފަން ކުރި ގާނޫނުގައި ހިމެނުމެވެ. އެހެންވެ، އެންޓި ޑިފެކްޝަން ގާނޫނު، ގާނޫނުއަސާސީއާ ހިލާފު ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.
ހަބީބު ވިދާޅުވީ، އެންޓި ޑިފެކްޝަން ނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ ބޭފުޅަކު ވެސް އަންނަ މޭ 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން މެންބަރު އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.
އެކަމަކު، އާ މަޖިލިހުގެ ދައުރު ފެށޭނީ އަންނަ މަހުގެ 28 ގައެވެ. އެހެންވެ، އެންޓި ޑިފެކްޝަންގެ ގާނޫނު އޮތަސް ޕާޓީތައް ބަދަލުކުރުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.
މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ހޯދިއެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ހަތަރު ގޮނޑި ހޯދިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 މެމްބަރަކު އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭގެ ތެރެއިން ހަ މެމްބަރަކު އިއްޔެ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއާ އެކުގައި ޕީއެންސީގެ މެމްބަރުންނާއި އެ ޕާޓީއާ އެކުގައި މަސައްކަތް ކުރާ މެމްބަރުންގެ 76 އަށް އަރާނެއެވެ.
ކޮމެންޓު ފޮނުވާ