ހއ. ދިއްދޫގައި ރޭ ބެއްވި ކެމްޕޭން ޖަލްސާއެއްގައި، ހަމައެކަނި ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރުމަށް ގޮވާލި މައްސަލައެއް ޕީއެންސީން ކުށްވެރި ކޮށްފިއެވެ.
ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުހގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ރޭ ގޮވާލާފައިވަނީ، މިހާރު ކުރިޔަށްދާ މަޖިލިސް ކެމްޕޭން ނިމެންދެން ޕާޓީގެ މީހުންނަށް އެކަނި ކަރަންޓޫ ދޫކުރުމަށެވެ. އަދި އޭނާވަނީ އަރަށު ފެނަކަ އިމާރާތް އަޅާފައިވަނީ ބޮޑު އަގުގައިކަމަށް ވިދާޅުވެ ކުރީ ސަރުކާރަށް ވަރަށް ބޮޑާ ފާޑު ވިދާޅުވެފައެވެ.
ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން.
އަބްދުﷲ ރަޝީދު ރޭގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
އޭނާގެ ވާހަކަތައް ކުށްވެރިކޮށް ޕީއެންސީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް" ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމުގައެވެ.
އަދި އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްނޫން ކަމަށްވެސް އެޕާޓީން ބުނެފައި ވެއެވެ.
އަދި މި ޕާޓީގެ ސިޔާސަތެއްވެސް ނޫން. ރައީސް މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން..
ޕީއެންސީގެ އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.
ރޭގެ ޖަލްސާގައި، ޕާޓީގެ މީހުންނަށް އެކަނި ކަރަންޓޫ ދޫކުރުމަށް އަބްދުﷲ ރަޝީދު ގޮވާލުމާއި ގުޅިގެން އޭނާއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ޕާޓީގެ މީހުންނަށް އެކަނި ކަރަންޓޫ ދޫކުރުމަށް ގޮވާލި މައްސަލައެއް ފެންމަތިވެފައިވާއިރު، ހިންނަވަރު ދާއިރާގައި ބޭއްވި ޕީއެންސީގެ މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ގޮވާލި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ.