ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެކަމެއް ނޫން: ރައީސް

ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެކަމެއް ނޫން: ރައީސް

އެއްވެސް މީހަކު ސިޔާސީ ވުމަކުން އެމީހެއްގެ ކިބައި ބަދަލު ހިފަން ބޭނުން ނުވާކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް މުހިންމީ 'ބާރު ސްޕީޑު’ގައި ތަރައްޤީ ގެނައުން ކަމަށެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްޤީ ގެނައުމަށް ފުރުޞަތު ފަހިވެގެން ދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހަޤީޤީ މާނާގައި، އިޚްލާސްތެރިކަމާއެކީގައި، މި ޤައުމަށް ހަމަޖެހުން ގެންނައުން ކަމުގައެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޚާއްޞަގޮތެއްގައި ނިލަންދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރައްވާފައެވެ. އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫޢު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2 ރިސޯޓެއް ތަރައްޤީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *