ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދާ ހުލިވެއްޖެ

ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދާ ހުލިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 12:33
0

ގދ.ރަތަފަންދޫގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަދާ ހުލިވެއްޖެއެވެ.

ޚަބަރު އިންލައިނަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ކައުންސިލް ރައީސް ވިދާޅުވީ އިއްޔެ ހުކުރު ވަގުތުގައި ހިނގައިދިޔަ މިހާދިސާގައި ގޭގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާކަމަށެވެ. މިހާދިސާގެ ރިޕޯޓް ކައުންސިލަށް ލިބުނީ 11:50 ހާއިރު ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގައިދިޔަ ވަގުތަކީ ހުކުރު ވަގުތަށްވީނަމަވެސް ވަރަށް ގިނަ ރައްޔިތުންގެ އެއްބާރުލުމާއިއެކު އަލިފާން ނިއްވާލެވުނު ކަމަށެވެ.

ގޭގައި މީހުން ދިރިނޫޅެވޭ ވަރަށް ވަނީ އަނދާފަ. މި ގެއަކީ 3 މީހަކު ދިރިއުޅެމުންދާ ގެއެއް. އޭގެ ތެރެއިން އެކަކީ ނަފްސާނީ ބަލިކަމެއް ހުއްނަ ކުއްޖެއް.  މިހާދިސާ ހިނގައިދިޔައީ އެކުއްޖާ އަތުން ވީ ކަމެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ.

– ކައުންސިލް ރައީސް ވިދާޅުވިއެވެ.

މިހާދިސާ އަށްފަހު އެކުއްޖާ މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެދަށަށް ގޮސްފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިފަދަ ހާދިސާތަކުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަމީ ރަށުގައި އަލިފާން ނިވާނެ ވަސީލަތްތައް ނެތުންކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ރަށުގައި އަލިފާން ނިއްވާލާނެ ޕަމްޕެއް ފަދަ އެއްޗެއްވެސް ނުހުރޭ. މިހާދިސާގައި ބޭނުން ކުރަންޖެހުނީ ރަށުގެ ދޯންޏެއްގައި އޮތް ޕަމްޕެއް. އެވަގުތު ރަށުގައި އެދޯނި ނެތްނަމަ، އަލިފާން ނިއްވަންވެސް ވަރަށް އުދަގޫވީސް. އަޅުގަނޑުމެން ނަސީބު ދޯނިވެސް އެވަގުތު ރަށުގައި އޮތްކަން.

– ކައުންސިލް ރައީސް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ހިނގާ މިފަދަ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވާލާނެ ވަސީލަތްތައް ނެތުމުގެ ޝަކުވާއަކީ ޒަމާނުއްސުރެ ކުރާ ޝަކުވާއެކެވެ.

ޚާއްސަކޮށް މިފަދަ މީހުން ދިރިއުޅޭ ގޭތަކާއި އެނޫންވެސް ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތެއްގައި އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ގިނަ ފަހަރަށް އަލިފާން ނިއްވާލެވޭއިރު، ތަނުގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެންދާކަން ފާހަގަކުރެވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.