ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކުރަން ސަރުކާރުން ނިންމައިފިއެވެ.
އެކަން އިއުލާން ކުރައްވައި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓް އިތުރުވަމުން ގޮސް ނުތަކާ ހިސާބަށް ގޮސްފައިިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިންޓްރެސްޓް މާފުކުރާނެ ކަމަށް މިދިޔަ ސަރުކާރުން ބުނި ނަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް އެ އޮތީ މާފުނުކުރެވި ކަމަށެވެ. އެހެންވެ މި ސަރުކާރުން މިދިޔަ ހަތަރު މަސްތެރޭގައި މަސައްކަތްކުރީ އިންޓްރެސްޓް މާފުކުރުމުގެ މަސައްކަތްކަމަށާއި އިންޓްރެސްޓް މާފުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވީމަ އިރާދަކުރެއްވިއްޔާ އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން، ކޮވިޑުގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް މާފުކުރަން މިހާރު ވަނީ ނިންމާފައި.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ކުރި މަސައްކަތުން ސަރުކާރުން ރައްޔިތުންނަށް ދަރާފައި ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ގެންދާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުއްޓާލާފައިވާ މަޝްރޫއުތައްވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ރައްޔިތުންނަށް ޖަައްސާފައިވާ ހާލުގެ ސަބަބުން ދެވެން ހުރި ލުޔެއް ދެމުންދާ ކަމަށެވެ. ނިމިދިޔަ ރޯދަ މަހުވެސް އެކި ބިލުތަކުން ވެސް ރައްޔިތުންނަށް ލުއިތަކެއް ދީފައިވާއިކަން ފާހަގަކުރެއްވިއެވެ.