ރާއްޖޭގެ މަސްވެރިންނަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މަސް ގަންނަ ފަރާތްތަކަށް، މަސް ރައްކާ ކުރެވޭނެ ސްޓޯރޭޖް އިތުރު ކުރުންކަމުގައި ރައްޔިތުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި، ހުރި ކަންބޮޑުވުންތަކުގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަހުމަދު ވިދާޅުވީ މަސްގަންނަ ފަރާތްތަކުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަކީ މަސްވެރިންނަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅުކަމަށެވެ. އިތުރު ސްޓޯރޭޖްތައް ގާއިމްކުރެވި މަސް ރައްކާ ކުރެވޭނެ ގޮތްތައް ފަހި ކޮށްދެވިއްޖެނަމަ މަސްވެރިކަން ދެމެހެއްޓެވި ގޮތެއްގައި ކުރެވި މިހާރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށް އަހުމަދު ވިދާޅުވިއެވެ.
Mas ganna faraaiy thakuge storage capacity ithuru kurumun masverinnah dhenehettebnivi faidhaa libigendhaane. Masnukirigen kuraa shakuvaa hallu vaane.
— Ahmed Abdulla (@ahmedabdulla2a) December 18, 2020
މަސްވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު އަކީ މަސްވެރިންގެ ކުންފުނި މިފްކޯ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށް މަސްވެރިންނަށް ދަތި ނުވެ އައިސް ލިބޭނެ ގޮތްހެދުމަށް ކުރާ މަސައްކަތެވެ. މިމަސައްކަތުގެ ދަށުން މިފްކޯއަށް 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ސްޓޯރޭޖްއެއް އިތުރުކުރުކޮށް، ދުވާލަކު 50 ޓަނު އައިސް އުފެއްދޭވަރުގެ ޕްލާންޓްއެއް ވަނީ ބަހައްޓާފައެވެ. މިއާއެކު މަސް ރައްކާކުރުމަށް މިފްކޯގައި ހަދާފައިވާ ސްޓޯރޭޖްގެ ބޮޑުމިން 8000 ޓަނަށް އިތުރުވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. މަސްވެރިން ބާނާ މަސް ރައްކާ ކުރެވޭނެ މަގު ފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިކަމަށް އެންމެ އެދެވޭ ހައްލެއް އަދި ނުލިބޭކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.
މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ލަސްތަކެއް ވާކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ. ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ބުނަމުންދަނީ މަސްވެރިންގެ މައްސަލަތައް ހައްލު ނުކުރެވެނީ މިނިސްޓަރަށް އެކަށީގެންވާ މަސައްކަތް ނުކުރެވިގެންކަމަށެވެ. މިއަދު މަސްވެރިންގެ ޝަކުވާތައް ގިނަވެ ގިނަ މައްސަލަތައް އުފެދެމުންދަނީ މިނިސްޓަރަށް ޒިންމާ އަދާނުކުރެވޭތީކަމަށް ބުނެ މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ