الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
عَنْ قَتَادَةَ بْنُ النُّعْمَانِ رضي الله عنه أَنَّ رَجُلا قَامَ فِي زَمَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْرَأُ مِنْ السَّحَرِ قُلْ هُوَ اللَّهُ أَحَدٌ لا يَزِيدُ عَلَيْهَا فَلَمَّا أَصْبَحْنَا أَتَى الرَّجُلُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ ذَلِكَ لَهُ وَكَأَنَّ الرَّجُلَ يَتَقَالُّهَا فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ الْقُرْآنِ ".
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ގަތާދާ ބިން އައްނުޢްމާން ގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ ޒަމާނުގައި މީހަކު ދަންގަޑީގައި ތެދުވެ ސޫރަތުލް އިޚްލާޞް (قُلْ هُوَ اللَّهُ أَحَدٌ) ކިޔަވާ އުޅުނެވެ. އޭނާ އެއަށްވުރެ އިތުރެއް ނުކުރެއެވެ. ދެން ހެނދުނު ވުމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އެމީހާ އައިސް އެވާހަކަ ދެންނެވިއެވެ. ސޫރަތުލް އިޚްލާޞް އަކީ މާ މަދު މިންވަރެއް ކަމުގައި ދެކިގެން ބުނި ކަހަލައެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެ ފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ސޫރަތުލް އިޚްލާޞް ގުރްއާނުގެ ތިންބައިކުޅައެއްބަޔާއި އެއްވަރެވެ".
عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَجُلا قَالَ يَا رَسُولَ اللَّهِ إِنَّ لِي جَارًا يَقُومُ اللَّيْلَ لا يَقْرَأُ إِلا قُلْ هُوَ اللَّهُ أَحَدٌ كَأَنَّهُ يُقَلِّلُهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ الْقُرْآنِ " މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީ ގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. "މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާގެ އަވަށްޓެރިޔަކު ރޭގަޑު ސޫރަތުލް އިޚްލާޞް ކިޔެވުން ފިޔަވާ އެހެން ކަމެއް ނުކުރެއެވެ. އެއީ ކިހާ ކުރު ކުޑަ ސޫރަތެއް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ.ސޫރަތުލްއިޚްލާޞް ގުރްއާނުގެ ތިންބައިކުޅައެއްބަޔާ އެެއްވަރުވެގެންވެއެވެ".
وعَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا قُلْ هُوَ اللَّهُ أَحَدٌ وَ قُلْ أَعُوذُ بِرَبِّ الْفَلَقِ وَ قُلْ أَعُوذُ بِرَبِّ النَّاسِ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاثَ مَرَّاتٍ
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކޮންމެރެއަކު ތަންމައްޗަށް އަރައިވަޑައިގެންފިނަމަ ދެއަތްޕުޅު އެއްކުރައްވާފައި ފުމެލައްވައެވެ. އަދި ސޫރަތުލް އިޚްލާޞް( قُلْ هُوَ اللَّهُ أَحَدٌ)، ފަލަގި( قُلْ أَعُوذُ بِرَبِّ الْفَلَقِ)،ނާސް (قُلْ أَعُوذُ بِرَبِّ النَّاسِ) ކިޔަވާ ވިދާޅުވެ މުޅިގައިކޮޅުގައި އަތްޕުޅު ހާކާލައްވައެވެ. އެގޮތަށް ތިންފަހަރަށް ކަންތައް ކުރައްވައެވެ".
وعَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعَثَ رَجُلا عَلَى سَرِيَّةٍ وَكَانَ يَقْرَأُ لأَصْحَابِهِ فِي صَلاتِهِمْ فَيَخْتِمُ بِقُلْ هُوَ اللَّهُ أَحَدٌ فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ سَلُوهُ لأَيِّ شَيْءٍ يَصْنَعُ ذَلِكَ فَسَأَلُوهُ فَقَالَ لأَنَّهَا صِفَةُ الرَّحْمَنِ وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަރިއްޔާ (ހަނގުރާމައަށް ފޮނުއްވާ ލަޝްކަރު) އެއް ފޮނުއްވިއެވެ. އެ ސަރިއްޔާ ގެ ވެރިއަކަށް ހުރިމީހާ ކޮންމެ ނަމާދެއްވެސް ނިންމަމުން ސޫރަތުލް އިޚްލާޞް( قُلْ هُوَ اللَّهُ أَحَدٌ) ކިޔަވައެވެ. ދެން އެބައިމީހުން އެނބުރި މަދީނާ އަށް އައިސް އެވާހަކަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އޭނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ ތިޔަބައިމީހުން ސުވާލުކޮށް ބަލާށެވެ. ދެން އެބޭކަލުން ސުވާލުކުރެއްވުމުން އެމީހަކު ބުންޔެވެ. އެސޫރަތުގައި ރަޙްމާން ވަންތަ ﷲ ގެ ޞިފަތައްވާތީވެ، އެސޫރަތް ކިޔެވުމަށް ތިމަންނާ ލޯބިކުރަމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ﷲ އޭނާ ދެކެ ލޯބިވެ ވޮޑިގެންވާކަމުގެ ޚަބަރު އޭނާ އަށް ދޭށެވެ".
وعَنْ عُقْبَةَ بْنِ عَامِرٍ قَالَ لَقِيتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ .. فَقَالَ لِي يَا عُقْبَةُ بْنَ عَامِرٍ أَلا أُعَلِّمُكَ سُوَرًا مَا أُنْزِلَتْ فِي التَّوْرَاةِ وَلا فِي الزَّبُورِ و لا فِي الإِنْجِيلِ وَلا فِي الْفُرْقَانِ مِثْلُهُنَّ لا يَأْتِيَنَّ عَلَيْكَ لَيْلَةٌ إِلا قَرَأْتَهُنَّ فِيهَا قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الْفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ قَالَ عُقْبَةُ فَمَا أَتَتْ عَلَيَّ لَيْلَةٌ إِلا قَرَأْتُهُنَّ فِيهَا وَحُقَّ لِي أَنْ لا أَدَعَهُنَّ وَقَدْ أَمَرَنِي بِهِنَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ..
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢުގްބާ ބިން ޢާމިރް ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނާއި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދިޘް ކުރެއްވިއެވެ." ފުރްގާނުގައިވެސް، އިންޖީލުގައިވެސް، ޒަބޫރުގައިވެސް އަދި ތައުރާތުގައިވެސް އެފަދަ ސޫރަތެއް ބާވާލައްވާފައި ނުވާ ސޫރަތެއް ދަސްކޮށްދެއްވަންތޯއެވެ؟ ކޮންމެރެއަކުވެސް އެސޫރަތްތައް ކިޔަވާ ވިދާޅުވައްޗެވެ. (قُلْ هُوَ اللَّهُ أَحَدٌ، وَقُلْ أَعُوذُ بِرَبِّ الْفَلَقِ، وَقُلْ أَعُوذُ بِرَبِّ النَّاسِ)، ޢުގްބާވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މައްޗަށް އެސޫރަތް ނުކިޔަވާ ރެއެއް ނާދެއެވެ. އެސޫރަތް ކިޔެވުން ދޫކޮށްނުލުން ތިމަންކަލޭގެފާނުގެ މައްޗަށް ޙައްގުވެގެން ވެއެވެ. ހަމަކަށަވަރުން އެކަމަކަށް އަމުރު ކުރެއްވީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ.
وعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لأَصْحَابِهِ : " أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ ثُلُثَ الْقُرْآنِ فِي لَيْلَةٍ فَشَقَّ ذَلِكَ عَلَيْهِمْ وَقَالُوا أَيُّنَا يُطِيقُ ذَلِكَ يَا رَسُولَ اللَّهِ فَقَالَ اللَّهُ الْوَاحِدُ الصَّمَدُ ثُلُثُ الْقُرْآنِ. "
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީ ގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ޙަދިޘް ކުރެއްވިއެވެ." ކޮންމެ ރެއަކު އެއް ފަހަރު ގުރްއާނުގެ ތިންބައިކުޅައެއްބައި ކިޔެވުމަަށް ތިޔަބައިމީހުން ނުކުޅެދެނީ ހެއްޔެވެ؟ ޞަޙާބީންނަށް އެކަން ބޮޑުކަމަކަށްވެގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. "އެކަންކުޅަދާނަވެގެންވަނީ އަހަރުމެންކުރެ ކާކަށް ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ." ސޫރަތުލް އިޚްލާޞް އަކީ ގުރްއާނުގެ ތިންބައިކުޅައެއްބައެވެ".
و عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَمِعَ رَجُلا يَقْرَأُ قُلْ هُوَ اللَّهُ أَحَدٌ فَقَالَ وَجَبَتْ قَالُوا يَا رَسُولَ اللَّهِ مَا وَجَبَتْ قَالَ وَجَبَتْ لَهُ الْجَنَّةُ
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާ ވެގެންވެއެވެ. "މީހަކު (قُلْ هُوَ اللَّهُ أَحَدٌ) މިސޫރަތް ކިޔަވަނިކޮށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އަޑުއިވިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭނާ އަށް ވާޖިބުވެއްޖެއެވެ"، ޞަޙާބީން ސުވާލުކުރެއްވިއެވެ. "ކޮންކަމެއް ވާޖިބުވީތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "އޭނާ އަށް ސުވަރުގެ ވާޖިބުވެއްޖެއެވެ".
އިސްވެ ބަޔާން ކުރެވުނީ ސޫރަތުލް އިޚްލާޞް ގެ މާތް ކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘް ތަކެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ސޫރަތުލް އިޚްލާޞް ކިޔެވުމުން ގުރްއާނުގެ ތިންބައިކުޅައެއްބައި ކިޔެވުމުގެ ޘަވާބާއި ދަރުމަ ލިބޭ ކަމަށްވަނީނަމަ، ގުރްއާނުގެ އެހެން ތަންތަން ކިޔެވުން ދޫކޮށްލަންވީތޯއެވެ؟
މިސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ވާރިދުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ދީނަކީ ނަޞޭޙަތެކެވެ"، މިގޮތަށް ތިންފަހަރު ޙަދީޘް ކުރެއްވިއެވެ. ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. "ކާކަށްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ﷲ އަށާއި އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާ އަށާއި މުސްލިމުންގެ ވެރިންނަށާއި ޢާއްމުންނަށެވެ"،
ﷲ ގެ ފޮތުން ނަޞޭޙަތް ލިބިގަނެވޭނީ އެކިޔަވާ އޭގެ މާނަ އާއި މެދު ވިސްނާ ފިކުރު ކުރުމުންނެވެ. އަދި ގުރްއާނުގައި އައިސްފައިވާ ވާހަކަތަކުން ޢިބްރަތް ލިބިގަނެގެންނެވެ. ގުރްއާނުގައިވާ އަމުރުތަކަށާއި ނަހީތަކަށް ފުރިހަމައަށް ކިޔަމަންތެރިވެގެންނެވެ. ޝައްކެތްނެތް ގޮތުގައި ހަމައެކަނި ސޫރަތުލް އިޚްލާޞް ކިޔަވައިގެން މިކަމެއް ފުރިހަމަ އެއް ނުވާނެއެވެ. ޙަލާލާއި ޙަރާމް ވަކި ކުރާކަށްވެސް ނޭގޭނެއެވެ. ވާޖިބްކަންތަކާއި ސުންނަތް ކަންތައް އަދި މަކްރޫހަ ކަންތައް ވަކިކުރާކަށްވެސް ނޭގޭނެއެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ-އަށް މިސޫރަތުގެ މާތްކަން އެނގިލައްވާ އިރުގައިވެސް، އަދި މިސޫރަތް ކިޔެވުމަށް ޞަޙާބީންނަށް ބާރު އެޅުއްވި އިރުގައިވެސް ހަމައެކަނި ސޫރަތުލް އިޚްލާޞް ކިޔަވާ ވިދާޅުވެ ފުއްދަވައި ނުލައްވައެވެ. އަދިކިއެއްތަ، މުޅިގުރްއާން އެއްކޮށް ތިލާވަތު ކުރައްވައެވެ. މާތް ﷲ ކީރިތި ގުރްއާނުގެ އަލްއަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ)މާނައަކީ: "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށްޓަކައި ރިވެތިވެގެންވާ ނަމޫނާ އެއް ވެއެވެ".
والله أعلم.