ދިވެހި ސަރުކާރުގެ އެދުމަކަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ޒަރޫރީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލި އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން މިއީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށެވެ. ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފައެވެ.
ހައި ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން ހިލަ އާއި ހިލަވެލީގެ ކޯޓާ ވަނީ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. މިއީ %25 ގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އިތުރު ދިރުމެއް ލިބޭނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ %5 އިތުރުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އިންޑިއާ އިން އުފައްދާ ހަނޑޫ، ހަކުރު އަދި ފިޔާ ބޭރުކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް އިރު ވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެ ތަކެތި އެކްސްޕޯޓްކޮށްފައެވެ.
ރާއްޖެއަށް ހަމަޖައްސާފައިވާ ކޯޓާއަކީ:
ބިސް: 427 މިލިއަން
އަލުވި: 21،513.08 މެޓްރިކް ޓަނު
ފިޔާ: 35،749.13 މެޓްރިކް ޓަން
ހަނޑޫ: 124،218.36 މެޓްރިކް ޓަން
ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން
ހަކުރު: 64،494.33 މެޓްރިކް ޓަން
މުގު: 224.48 މެޓްރިކް ޓަން
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީ އިން އާއްމުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާ އިން މި ތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެ އަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެ އަށް މި ތަކެތި އެކްސްޕޯޓު ކުރާނެއެވެ.