ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަރައްގީ ކުރަން ފަށާ އަހަރު ދުވަސް ތެރޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާލެވިފައިވާ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެއްކޮށް ހުއްޓާލާފައިވާތީ އެކަމާ ނުހަނު ކަންބޮޑުވެ އެކަން ކުށްވެރި ކުރާ ކަމަށެވެ.
ދައުލަތުގެ ވަސީލަތްތައް އެއްވެސް ރޭވުންތެރިކަމެއް ނެތި ބޭނުން ކުރުމަށް ތަރައްގީ އަށް ހުރަސް އެޅޭ ގޮތަށް ބަދަލު ކުރަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ނުކުރަން ސަރުކާރަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
"މިކަމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެފަދަ ކަމެއްކަން ފާހަގަކުރަމެވެ. ފ. މަގޫދޫގައި ރައީސް އިބްރާހިމް މުހައްމަދު ސ÷ލިޙްގެ ސަރުކާރުން އެއާޕޯޓުގެ މަސައްކަތުގެ %70 ވަނީ ނިންމާފައެވެ. މި އެއާޕޯޓްގެ ފަޔާރ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު، ފިނިޝިންގެ މަސައްކަތްވެސް ވާނީ 15 ނޮވެމްބަރ 2023 ހަމަޔަށް ފަށައިފައެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ މަގޫދޫ އެއާޕޯޓު މަސައްކަތް ކެންސަލްކޮށް ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމައި އަވަސް އަރުވާލައިގެން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ފަށައިގަތީ ރައީސް މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ސައުދާ އަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ.
"މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފާފުއަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔ 5 އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާއެކު ފާހަގެކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހުރިހާ އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަކަށް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށާއި ފ. މަގޫދޫގެ އެއާޕޯޓު މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގައި މިފަދަ ތަރައްގީގެ މަޝްރޫއުތައް މިގޮތަށް ބަދަލުކުރުމާއި ހުއްޓާލުން ގާނޫނީ ގޮތުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ގާނޫނީ ހައްލެއް މިޕާޓީން ހޯދައިދޭނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަމެވެ."