ފ. މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓުވާފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ފ. މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓުވާފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ފ. މަގޫދޫގައި ކުރީ ސަރުކާރުން ތަރައްގީކުރަން ފެށި އެއަރޕޯޓު ހުއްޓުވާފައިވަނީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވަނީ 22 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ 4 މެމްބަރުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ހަލީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ފެށީ ކްރޮސް ސަބްސިޑީ އުސޫލުން 21 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ލިބިގެން ކަމަށެވެ.

އަހުމަދު ހަލީމް ވިދާޅުވީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަގޫދޫ އެއާޕޯޓް މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާ އެ ރަށާއި ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ. ނިލަންދޫ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެ ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުން ވަނީ އިއުލާނުކޮށްފަ. މިއީ ރައީސުލްޖުމްހޫރިއްޔާ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭ.

އަހުމަދު ހަލީމް ވިދާޅުވި އެވެ.

އަހުމަދު ހަލީމް ވިދާޅުވި ގޮތުގައި މި ނިންމުމަކީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ގާނޫނުގެ ހުދޫދުން ބޭރުން ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއްކަން ފެންނަ ކަމަށެވެ.

މިއީ ރައްޔިތުންގެ މަންފާއަށް ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އެއަށްވުރެ ފުރިހަމައަށް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާ ހިލާފު ނިންމުމެއް ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ހަލީމް ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ މި ނިންމުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް.

އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖައާކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފ. މަގޫދޫގައި އަޅަންފެށި އެއާޕޯޓްގެ މަޝްރޫއު ހުއްޓާލާފައި އޮތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ކޮންމެ ރެއަކު ދަނީ މުޒާހިރާވެސް ކުރަމުންނެވެ.

އިހުތިޖާޖު ކުރަމުންދާ ފަރާތްތަކުން ބުނަމުންދަނީ އެރަށުގެ އެއަރޕޯޓުގެ މަސައްކަތް ހުއްޓުވާފައިވަނީ ކައިރީގައި އޮތް ނިލަންދޫގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ސާމާނު މަގޫދޫ އެއަރޕޯޓުން ގެންދިއުމުން ކަމުގައެވެ.

އަދި އެމީހުން ބުނަމުންދަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ އެ އެއަރޕޯޓުގެ %70 މަސައްކަތް ނިމިފައިވަނިކޮށް ކަމުގައެވެ.

މުޒާހިރާކުރި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ރަށުގެ އެއާޕޯޓު މަސައްކަތް މަޑުޖައްސާލާފައި ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ސައުދާއަށް ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެ ރަށުގެ ރައްޔިތުންގެ ބަޔަކު އެދިގެން ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

އެހެންނަމަވެސް އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވެފައިވަނީ، މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފާނެތޯ ސުވާލު އުފައްދަން ފެށުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެ މަސައްކަތް އަދިވެސް ޕްރޮޖެކްޓު ލިސްޓުގައި އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މަގޫދޫ އެއާޕޯޓުގެ އިމާރާތްކުރާ ފަޔާ ބިލްޑިންގެ މަސައްކަތްތައް ވަނީ ނިންމާފައެވެ. އަދި މަސައްކަތް ހުއްޓުނުއިރު ކުރިޔަށް ދަނީ އެ އެއަރޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލްގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތާއި، ޖެޓުތައް ޕާކުކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތްތަކެވެ.

ނިލަންދޫގައި އެއާޕޯޓް ހަދަން ބިން ހިއްކަން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ވަނީ ފާއިތުވި ހަފްތާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *