އައްޑޫ ބުރިޖްގެ ފީސިބިލިޓީ ސާވޭގެ މައްސައްކަތް ނިންމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގަ އޮތް ޕީއެންސީގެ އައްޑޫ ހުޅުމީދޫ ދައިރާގެ ކެނޑިޑޭޓްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސްވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަދަންޖެހޭ ފީސިބިލިޓީގެ ފުރަތަމަ ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު އެވަނީ ނިމިފައި. ދެން މިހާރު އެ ހިނގަނީ އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތައް ހެދުމާއި ފީސިބިލިޓީގެ ބާކީ ބައި.. އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާ އަށް.
ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރިންވެސް ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ތެރޭ އެ ބުރިޖްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ،
އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބްރިޖްގެ ޕރިމިލިނަރީ މަަސައްކަތްތައް ކުރުމަށް ދަ އަރަބް ކޮންޓްރެކްޓަރސްއާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފާއިތުވި ފެބްރުއަރީމަހުގެ 19 ވަނަ ދުވަހު އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ އައްޑޫ ބުރިޖްގެ ސާވޭގެ މަސައްކަތް 3 މަސްތެރޭ ނިންމާ، މިއަހަރު ބްރިޖުގެ މަސައްކަތް ފަށާނެކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކޮށް, ފީސިބިލިޓީ ސާވޭއާއި އެހެނިހެން ގުޅުންހުރި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖަކަށް ވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން، އެ ބްރިޖުގެ މަޝްރޫއު އިއުލާން ކުރެއްވުމާއެކު ގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށާއި އޭގެ ތެރޭގައި ޗައިނާގެ ބޮޑެތި ކުންފުނިތައް ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވަނީ މި ފަސްއަހަރުގެ ތެރޭގައި އައްޑޫ ހިތަދޫއިން ހުޅުމީދޫއަށް އަދި ތިނަދޫއިން ކާޑެއްދޫއަށް ބުރިޖަކުން ގުޅުވާލާނެ ކަމަށް ވައުދުވެފައެވެ.
އެގޮތުން ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގައި 23 ކިލޯމީޓަރު ހުރެއެވެ. އަދި ތިނަދޫ އާއި ކާޑެއްދުއާ ދެމެދު 4.4 ކިލޯމީޓަރު ހުރެއެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ޕްލޭނިން މަސައްކަތް ހަފްތާ 14ގައި ވަނީ ހިމަނާފައެވެ. އަދި އެމަސައްކަތަށް ބަޖެޓުގައި 30 މިލިއަން ހިމަނާފައި ވެއެވެ.
ކޮމެންޓު ފޮނުވާ