ޖުޑީޝަރީ މިނިވަން ކުރެވިއްޖެ، މިހާރު ހުކުމެއް ނުވިއްކޭނެ: ރ.ނަޝީދު

ޖުޑީޝަރީ މިނިވަން ކުރެވިއްޖެ، މިހާރު ހުކުމެއް ނުވިއްކޭނެ: ރ.ނަޝީދު

Author
މުޙައްމަދު ޝަޒައިމް
18 ޑިސެމްބަރ 2020 04:58
0

މިސަރުކާރުން ރައްޔިތުންނަށް ވައުދުވެ އެންމެ ބޮޑަށް ބަދަލު ގެނައުމަށް މަސައްކަތް ކުރީ، ރާއްޖޭގެ ޖުޑީޝަރީކަމަށާއި، މިއަދު ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރެވި، ހުކުމެއް ނުވިއްކޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުން ޖުޑީޝަރީ މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައި ނިންމާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ޖުޑީޝަރީ މިނިވަން ކުުރުމަށް ގިނަ ޤާނޫނުތަކެއް ފާސްކުރެވުނުކަމަށެވެ.

ޝަރުއީ ދާއިރާއާއި، އިސްލާހު ކުރުމުގެ ގޮތުން ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރެވި، ޖޭއެސްސީގެ ގާނޫނު ވާނީ އިސްލާހު ކުރެވިފައިކަމަށާއި، އަދި މުޅި ސްޕްރީމް ކޯޓު އެކީ ބަދަލު ކުރެވި ކުރިން ވިއްކި ގޮތަކަށް މިއަދު ހުކުމްތަކެއް ނުވިއްކޭނެ ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން މަޖިލިސް ތެރެއިން ކުރެވި މަސައްކަތްތަކުގެ ތެރެއިން އޭސީސީ އެކީ ބަދަލު ކުރެވުނު، ސްޕްރީމްކޯޓު އެކީ ބަދަލު ކުރެވިއްޖެ. މިހާރު ހުކުމެއް ނުވިއްކޭނެ. މިހާރު ހުކުމެއް ވިއްކައިފިނަމަ އެގޭނެ. ވިއްކައިފިއްޔާ ފިޔަވަޅު އަޅާނަން.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވިއިރު، ރައީސް ޔާމީން ޖަލަށް ލާފައިވަނީ އިންސާފުން ބޭރުންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ރައީސް ޔާމީންގެ ހުކުމް ކުރުމަށް އޮތް ދުވަހުގެ ހެނދުނު އެމަނިކުފާނަށް ހުކުމް ކުރަން ހުރި ޤާޒީ ވަނީ ބަދަލުކޮށްފައެވެ. ޖުޑީޝަރީ މިނިވަން ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މިހާރު މިއޮތް ޖުޑީޝަރީއަކީ އެމްޑީޕީގެ ނުފޫޒު އިންތިހާއަށް އޮތް ޝުރުނީ ނިޒާމެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.