ބަދަލުހިފުން ނޫން ވިސްނުމެއް މިސަރުކާރުގައި ފެނިގެން ނުދާކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
1953 ވަނަ އަހަރުން ފެށިގެން ނުވަތަ ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން ރައީސް ޔާމީންގެ ސަރުކާރާއި ހަމައަށް ހިނގާފައިވާ ލާއިންސާނީ ޢަމަލުތައް ބެލުމަށްކަމަށް ބުނެ ފާސްކޮށްފައިވާ އިންސާނީ އަދާލަތުގެ ޤާނޫނަށާއި، އެ ޤާނޫނުގެ ދަށުން މައްސަލަތައް ބެލުމަށް އުފައްދާ އޮމްބޮޑްސްޕާސަންގެ އޮފީހާއި ގުޅޭގޮތުން ފާޑުވިދާޅުވަމުން ސަޢީދު ވިދާޅުވީ، 1953 އިން ފެށިގެން ހުރި މައްސަލަތައް ބަލާ އޮފީސް ޤާއިމްކޮށް ދަޢުލަތުގެ ދަރަނި ބޮޑު ބަޖެޓަކުން އެތައް މިލިއަން ރުފިޔާއެއް ހަސަދަވެރިކަމަށް މިސަރުކާރުން ހޭދަކުރާކަމަށެވެ.
ހިތްޕުޅަށް ގެންނަވަން ރަނގަޅު ނޫންތޯ، "ރާއްޖެތެރޭގެ" އެތައް ހާސް ނިކަމެތިން ކިހާ ދުވަހަކު "ކުޑަސިޓީ" ކިޔާ އެއްޗެއް ހަދައިގެން އަމިއްލަ ޤައުމުގެ ވެރިކަންކުރާ ރަށަށް ހުއްދަނެތި އެރުން މަނާކުރިއިރުވެސް މާލޭގެ ބައެއް ވެރިންނާއި، އެފަރަތްތަކާއި ގުޅުންހުރި އާއިލާތަކުގެ ރުހުން ލިބުނު ބައެއް ފާރްތަތަކުން ދިޔައީ ފްރާންސް، އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ އަދިކޮޅުނބުގައި ދައުލަތުގެ އެހީގައި ހިލޭ ތަޢުލީމް އުނގެނެމުން.
– މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
ސަޢީދު ވިދާޅުވީ، ނިކަމެތި އެތައްހާސް އާއިލާއެއް ދިޔައީ ފޮތް ފަންސުރައާއި ތަޢުލީމުވެސް އަގުކޮށް ގަންނަމުންކަމަށެވެ. ނަމަވެސް މިއަދު ޤައުމުގެ ތަރައްޤީއަށް ފުރަގަސްދީ "އަންޒަމާނު އޮފީސް" ހަދައި، ނިކަމެތި ރައްޔިތުންގެ ޓެކްސް ފައިސާގެ އެތައް މިލިއަނެއް ހަސަދަވެރިކަމަށް ހުސްކުރަންވީތޯ ސަޢީދު ސުވާލު ކުރެއްވިއެވެ. އަދި މިކަމަށް ކިޔަންވީ އިންސާފުނަމަ، ވަލުތެރޭގޭ ޤާނޫނާއި މިސަރުކާރުގެ ވިސްނުމާއި ހުރީ ކޮން ތަފަތެއްތޯވެސް ސުވާލު ކުރެއްވިއެވެ.
އަވައްޓެރި ޤައުމުތައް ކުރިރަމުންދާއިރު އެޤައުމުތަކުގައި މަރުވާ މީހުން ވަޅުލަންވެސް އެމްޑީޕީ ސަރުކާރު ޚިޔާލެއް ފިކުރެއްނެތި އަމިއްލައަށް ގޮސް ބަސްބުނާއިރު، ހިތައް ހަމަ އެއްޗެއް ނާރަނީބާއެވެ؟
– މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
ސައީދު މިފަދައިން ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، ސްރީލަންކާގައި މަރުވާ މީހުން ރާއްޖޭޣައި ވަޅުލުމަށް އިސްވެ ހުށައެޅި މިސަރުކާރުންކަމަށް ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުވިދާޅުވަމުންނެވެ. އަދި އެއީ މިސަރުކާރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތައް ކުއްވާ ކެމްޕެއިނެއްކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޚާއްޞާކޮށް ކުރީ ސަރުކާރިތަކުގައި ހިންގާފައިވާކަމަށް ބުނާ މައްސަލަތައް ބެލުމަށް އެކި ނަންނަމުގައި ޤާނޫނުތަކުން އޮފީސްތައް ހަދާއިރު، ދައުލަތާއި ރައްޔިތުންގެ ފައިދާއަށް ނުވަތަ އިޤްތިޞާދަށް ފައިދާވާނެ އެއްވެސް ޤާނޫނެއް މިސަރުކާރުން ހުށައަޅާ ފާސްކުރަމުން ނުދާކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ދެ އަހަރު ފާއިތުވިީއިރުވެސް ޤައުމުގެ އިޤްތިޞާދަށް ފައިދާވާގޮތަށް ކަމެއް ނުކުރެވޭއިރު، އަންނަ އަހަރުގެ ދަރަނި ބޮޑު ބަޖެޓުން ބަދަލު ހިފުމުގެ ރޫހުގައި ޚާރަދު ކުރަން ކަނޑައާޅަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ