ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ ގެ ޗެމްޕިއަންކަން ބްލެކް ފްލޭޝް ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗު ބްލެކް ފްލޭޝް އިން ކާމިޔާބު ކުރީ ފައިނަލުގައި ބުލްޝާކްސްގެ މައްޗަށް ޕެނަލްޓީގައި 6-5 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ބްލެކް ފްލޭޝްއެވެ. މި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށް ދިނީ މުހައްމަދު ހުސެއިން (މޯޑް)އެވެ. އަދި ދެވަނަ ހާފްގައި އިސްމާއިލް ރިޔާޒް (ރިޔާ) ކާމިޔާބުކޮށް ދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.
ޕެނަލްޓީގައި ބްލެކް ފްލޭޝްގެ މޯޑާއި މުހައްމަދު ހުމައިދު (ތޯރީ)، ރަމީޒް މުސްތަފާ (ރަންޓެ)، ހުސެއިން ސިމާއު، ކީޕަރު އަބްދުﷲ އުސައިދު (ސޮކެޓޭ) ވަނީ ކާމިޔާބުކޮށްފައެވެ.
ބުލް ޝާކްސްގެ ޕެނަލްޓީތަކުގެ ތެރެއިން ރިޔާ، މުހައްމަދު ރިފްހާން، ނަޒާހް، ހުސެއިން ސިލްމީޒް (ސިއްލެ) ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރިއެވެ. އެ ޓީމުގެ މިފްރާހު ރަޝީދު (މިއްޕެ) ޖެހި ޕެނަލްޓީ ބްލެކް ފްލޭޝްގެ ކީޕަރު އަބްދުﷲ އުސައިދު (ސޮކެޓޭ) ވަނީ ދިފާއުކޮށްފައެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބްލެކް ފްލޭޝްގެ މޯޑެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލެވެ. އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވިފައިވަނީ ޓީމް އެފްއެފްގެ އަހުމަދު ތައުސީމެވެ. ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބުލް ޝާކްސްގެ އަހުމަދު އަޒްމީލް (އަޒޭ)އެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓު ހޯދާފައި ވަނީ އަބްދުﷲ ޝުޖާއު (ޝުޖާ)އެވެ. އޭނާ މި މުބާރާތުގައި އަށް ލަނޑު ޖެހިއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޝުޖާގެ އިތުރުން ޓީމް އެފްއެފްގެ އަހުމަދު ހަމީދު އާއި ބުލް ޝާކްސްގެ ހުސެއިން ސިލްމީޒް (ސިއްލެ) އާއި ރަމީޒް މުސްތަފާ (ރަންޓެ) އާއި ބުލް ޝާކްސްގެ ކީޕަރު ހަސަން ޔަމާމެވެ. މުބާރާތުގެ 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ޝުޖާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ބްލެކް ފްލޭޝްގެ ރަންޓެއެވެ.