ރަމަޟާން މަހުގެ ދެވަނަ ހަފްތާ އަށް އެޅުނު އިރު، މިރުހުގެ އަގު ވަރަށް ބޮޑަށް ހެޔޮވެ، މިރުސް ތިޔާގިވާން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ރަމަޟާން މަސް ފެށުނު އިރު، މިރުސް ކިލޯއެއްގެ އަގު ހުރީ 700ރ. އާއި 800ރ. އާ ދެމެދުގެ އަގުތަކުގައެވެ. އެކަމަކު، ހަފްތާއެއްހާ ދުވަސް ފަހުން، ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު ވަނީ 400ރ. އާއި 600ރ. އަށް ވެއްޓިފައެވެ.
ރޯދަ މަހާއި އެ ނޫން މަސް މަހުގައި ވެސް އެންމެ މަޝްހޫރު މިރުހަކީ ކަނޑޫދޫ މިރުހެވެ. ކަނޑޫދޫ މިރުހުގެ އަގު ރޯދަ މަސް ފެށުނު އިރު އުޅުނީ ކިލޯއެއް 750ރ. އަށެވެ.މިހާރު މިރުސް ކިލޯއެއް ހުރީ 400ރ. އާއި 500ރ. އާ ދެމެދުގައެވެ. ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މީގެ ކުރިން ރޯދަ މަސްތަކުގައި 1200ރ. އަށް ވެސް އަރައިގެންދިޔައެވެ.
ބާޒާރުގައި ލިބެން ހުރި އެހެން ބާވަތްތަކަށް ބަލާއިރު، ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ 15ރ. އަށެވެ. ކުރުނބާ މިހާރު ލިބެން ހުރީ 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގައެވެ. ލުނބޯ ކިލޯއެއް ހުރީ 60ރ. އަށެވެ.