އަދުހަމްގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި

އަދުހަމްގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި

Author
ހުސެއިން
16 މާރޗް 2024 02:58
0

ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އަދުހަމުގެ މައްޗަށް މަރުގެ ހުކުމް ކުރިމިނަލް ކޯޓުން އިއްވީ 16 އޭޕްރީލް 2023 ގައެވެ. ޕީޖީ އޮފީހުން މިމައްސަލަ ހައި ކޯޓަށް ހުށަހެޅި މިމަހުގެ 5 ވަނަ ދުވަހުއެވެ.

މަރުގެ އަދަބުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރުމަށް ފަހުކަމަށް ގާނޫނުގައި ބުނެއެވެ. އެގޮތުން މީހަކު މެރިމަށް ދަށު ކޯޓުން އިއްވާ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް މުރާޖައާ ކުރަންޖެހޭނެކަަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އަދުހަމް، ޤާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ޤާސިމްގެ މަރާއި ގުޅިގެން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއެވެ.

އަދުހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާ އެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީއެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މި ވަގުތު ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފައެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމ ޝަރީއަތުގައި ގާޒީ ވިދާޅުވެފައި ވަނީ ގާސިމަށް ހަމަލާދިން ސަބަބާ ބެހޭ ގޮތުން އެކި ފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ވަޅި ހެރި ކަމަށް އޭނާ ކޮންމެ ފަހަރަކު ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައި ވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައި ވާތީ އެކަމާ ބެހޭ ގޮތުން ގާޒީ ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.

ގާޒީ ވިދާޅުވި ގޮތުގައި ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެކެވެ. އަދި ހަމަލާއަށްފަހު ގާސިމް އެހީއަށް އެދި ގޮވަމުން ދަނިކޮށް އެހީވުމުގެ ބަދަލުގައި އަދުހަމް ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވި ގޮތުގައި، ހަމަލާދިން ވަގުތު ހުރީ މަސްތުވެގެން ކަމަށް އަދުހަމް ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫންކަން އޭނާ ފޭރެން މަސައްކަތްކޮށްފައިވާތީ އެނގޭ ކަމަށެވެ.

ގާސިމް މަރުވީ އޭނާގެ ކަރަށް ލިބުނު ޒަހަމްތަކުން ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގޭއިރު، އެކަމާ މެދު އަދުހަމް ސުވާލު އުފައްދާފައި ނެތް ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ. އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގު އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި ގާސިމްގެ މައްޗަށް އެފަދަ ހުކުމެއް ނެތުމުން އޭނާ މަރާލީ އެއްވެސް ހައްގަކާނުލައި ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އަދި އެ އަމަލު ހިންގީ އަދުހަމްގެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ގާޒީ ވިދާޅުވިއެވެ.

ކުށަށް އިއުތިރާފްވީ މަސްތުގެ ހާލުގައި ހުއްޓާ މަޖުބޫރުކޮށްގެން ކަމަށް އަދުހަމް ކުރިން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ތަހުގީގުގައި ކުށަށް އެއްބަސްވުމަށްފަހު އަދި ދައުލަތާ އެކު އަދަބު ލުއިކުރަން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އަދި ފަހުން ކޯޓުގައި އެކިފަހަރު ކުށަށް އެއްބަސްވެފައި ވާތީ އޭނާ ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.