2024 މާރިޗު 05 ވީ ބުރާސްފަތި ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފިއެވެ.
އދި މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ. މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ރަޖިސްޓްރީގައި ނަން އޮތްތޯ ޗެކް ކުރެވޭނެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2024 މާރިޗު 13 އިން 2024 މާރިޗު 14 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 01:30 އަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.
މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރިލްމަހުގެ 21 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ