ޔާމިންގެ އެސްކްރޯ އެކައުންޓުގައި ބެހެއްޓި އެއް މިލިއަން ޑޮލަރު ދޫނުކޮށް ބެހެއްޓުމުން ލިބުނު ގެއްލުން ހޯދުމަށް ޔާމިންގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެކަމަށް އެކޯޓުން ނިންމި މައްސަލަ ބީއެމްއެލްއިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ޔާމީން އެއް މިލިއަށް ޑޮލަރަށް ހިޔާނެތްތެރިވި ކަމަށް އޭސީސީއިން ބުނެ އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން، އެ ފައިސާ، އެސްކްރޯ އެއްބަސްވުމެއްގެ ދަށުން، ބީއެމްއެލްގެ އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ލުމަށް ވަނީ އެއްބަސްވެފައެވެ.
ޔާމިން ސިވިލް ކޯޓަށް ހުށަހެޅިއ އެފައިސާ އަނބުރާ ދިނުމަށް އެދި ހުށަހެޅުމުންވެސް ބީއެމްއެލްއިން އެފައިސާ ދޫނުކޮށް ހިފެެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެހެންނަމަވެސް އެމައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަަަށް ލިބިގެން ނުވާކަމަށް ބިއެމްއެލްއިން ކޯޓުގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް ފާއިތުވި ފެބްރުއަރީމަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެކޯޓަށް އެމައްސަލަ ބެލޭނެ ކަމަށެވެ.
އެމައްސަލަ ހައިކޯޓުގައި ބީއެމްއެލްއިން އިސްތިއުނާފް ކޮށްފައިވަނީ ފާއިތުވި ހަފްތާގައެވެ. އެމައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން އެކޯޓުން އަދި ވަކިއެއްޗެއް ނުނިންމައެވެ.
އެކްސްކްރޯ އެކައުންޓުގައި ބެހެއްޓި އެއްމިލިއަިން ޑޮލަރުގެ ފައިސާގެ މައްސަލަ ޔާމިން ސިވިލް ކޯޓަށް ހުށަހެޅި ގއ. ވޮޑަމުލާގެ ހިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
ސިވިލް ކޯޓުގައި ޔާމީން ބޭންކާ ދެކޮޅަށް ދައުވާކޮށްފައިވާ މައްސަލައިގައި އެދިފައި ވަނީ އެ ފައިސާ އަނބުރާ ދޫނުކުރީ އެސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށާއި، އެ ފައިސާ ދޫކުރަން އަމުރުކޮށްދިނުމަށާއި، ދޫނުކުރުމުގެ ސަބަބުން އެ ފައިސާއިން ވިޔަފާރިކުރި ނަމަ ލިބެން ހުރި ފައިސާ ހިސާބުކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.
ވޮޑަމުލާގެ ހުކުމުން ސަލާމަތްވި ނަމަވެސް ޔާމިން ގެންދަވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލު ހުމް ތަންފީޒު ކުރައްވަމުންނެވެ. ހަމަ މިމައްސަލާގައި ފަސް މިލިއަން ޑޮލަރުން ޔާމިން ޖޫރިމަނާ ކުރަންވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
ހުކުމް ތަންފީޒު ކުރަމުންދާއިރު، ޔާމިން މިހާރު ހުންނެވީ މާލޭ ބަންދަށް ދޫކޮށްލާފައެވެ.