އައްޑީ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ދެ ތަނެއް ބަލައި ފާސްކޮށް 10 މީހެކެވެ.
ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރޗް 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަަށެވެ. އެގެއިން ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެއަށްފަހު މިމަހުގެ 8 ވަނަ ދުވަހު އައްޑޫ މަރަދޫގައި ހިންގި އޮޕަރޭޝަނެއްގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނަކުން ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި ތައިލެންޑްގެ ދެ އަންހެނަކާއި މިޔަންމާގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ 7 ވަނަ ދުވަހު ހައްޔަރުކުރި މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 14 ދުވަސް ޖަހާފައިވާ ކަމަށާއި، 8 ވަނަ ދުވަހު ހައްޔަރު ކުރިމީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ 10 ދުވަހަށް އިންޑިއާ ފިރިހެންމީހާ 4 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމުގައެވެ.
މި ދެމައްސަލަވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ