ރައީސް ޑރ. މުއިއްޒު މިއަދު އަލިފުށީގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސޮވެރިން ފަންޑުގައި 30 މިލިއަން، އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ޖަމާކުރަނީ

ސޮވެރިން ފަންޑުގައި 30 މިލިއަން، އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ޖަމާކުރަނީ

މި ސަރުކާރުން ވެރިކަމަށް އައިސް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި އަހަރު ނިމެންވާ އިރަށް އެ ފަންޑަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާ ކުރެވޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ޑރ. މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސޮވެރިން ފަންޑުގައި ހުރި ޑޮލަރުތައް ކުރީ ސަރުކާރުން މާރުކޮށްލާފައި ހުރުމުން އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށެވެ.

މިހާތަނަށް އައިއިރު، 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭ އިރުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ފަންޑަށް ޖަމާ ކުރެވޭ ވަރު ވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ސޮވެރިން ފަންޑަށް ޑޮލަރު ޖަމާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. މިހާރު ތިރީހަކަށް މިލިއަން ޑޮލަރު ޖަމާވެއްޖެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާ ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިގްތިސާދު ހަރުދަނާ ކުރުމަށް އާ ޓެކުހެއް ނުނަގައި، ޓެކްސް ބޭސް ފުޅާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރާއި 2026 ވަނަ އަހަރު ބޭރުގެ ދަރަނީގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ވަނީ ދައްކަން ޖެހިފައެވެ. އެހެންވެ، އިގްތިސާދު ފުޅާކުރަމުން އާ އިންވެސްޓަރުންނަށް ފުރުސަތު ހޯދައި އެމީހުންނަށް ޔަގީންކަން އިތުރުކޮށްދެމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. މި އަތޮޅުގައި ވެސް ގިނަ ރިސޯޓުތަކެއް ހުޅުވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ޓޫރިސްޓު ރިސޯޓުތަކަކަށް އަޅުގަނޑުމެން ހުޅުވާލިޔަސް ބަޔަކު ނާންނާނެ ރާއްޖޭގެ އިގްތިސާދުގައި އެ ބުންވަރު ހުރި ކަމަށް އެމީހުންނަށް ގަބޫލު ނުކުރެވޭ ނަމަ." ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *