އޮސްޓްރޭލިއާގެ 'ބިޔޯން އަގެއިން' ބޭންޑުގެ ޝޯވ ސަރުކާރުން ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކަ ޔޫތު މިނިސްޓްރީން ދޮގުކޮށްފިއެވެ.
އުބާ އިވެންޓްސް އިން އިންތިޒާމުކޮށްގެން މާދަމާ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މި ޝޯވއާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން ބުނީ، އެ ޝޯވ ކެންސަލްކުރަން އެއްވެސް އިރެއްގައި ނާންގާ ކަމަށެވެ. މިނިސްޓްރީން އެދުނީ ޝޯވ އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެކަނި ކަމަށާއި، އެކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަންވެސް އޮގަނައިޒަރުންނަށް ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޝޯވ ތަން ބަދަލުކުރަން އަންގަން ޖެހުނު ސަބަބެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރީ، ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅު ހިމެނޭގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ޖެހޭ ބޮޑެތި މަރާމާތުތަކެއް ހުރުމެވެ.
މިނިސްޓްރީގެ މި ބަޔާން އައިސްފައި މިވަނީ، ޝޯވ ބޭއްވުމާ ގުޅޭގޮތުން މައްސަލަ ޖެހިފައި ވަނިކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ނުރުހުންފާޅުކުރައްވައި ޕޯސްޓެއް ކުރެއްވި ފަހުންނެވެ. ނަޝީދު ވިދާޅުވީ، "އެ ޝޯ މަނާ ކުރެވިގެން، މިޔުޒިކު މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގެން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، މިއީ ހުރިހާ ދިވެހިންގެ ރާއްޖެ" ކަމަށެވެ.
ކޮމެންޓު ފޮނުވާ