އިއްޔެ ސަރުކާރުން އިފްތިތާހު ކޮށްފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭން ބޭނުންކޮށްގެން ފަށާނީ މިމަހުގެ 15ގައި ކަމަށް އައިލެންޑް އެވިއޭޝަން ސާވިސެސް އައިއޭއެސް (އައިއޭއެސް)އިން ބުނެފިއެވެ.
މިކަމާ ގުޅޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އައިއޭއެސް ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަލީ ސަލީމު ވިދާޅުވީ އެ ހިދުމަތް ފަށަން ތާވަލުކޮށްފައި ވަނީ މި މަހުގެ 15 ގައި ކަމަށެވެ. އޭނާ ވިދާޅުވީ އެއާރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަން ހަމަޖެހިފައިވާ، ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައެވެ.
ރާއްޖޭގައި އަލަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ އިއްޔެ އެވެ. އެގޮތުން އެއިން ފުރަތަމަ ބަލި މީހަކު އުފުލީ ރޭ މެންމަދު ކުޅުދުއްފުށިން މާލެއަށެވެ.
މި ހިދުމަތް ފެށީ އެކަމަށް ހާއްސަކޮށްގެން ބަދަލުތަކެއް ގެނައި މޯލްޑިވިއަންގެ ޑޭޝް-8 ގެ ބޯޓަކާއޮ ސީ ޕްލޭނެއްގަ އެވެ. މީގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ދޭން ދެ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށެވެ. އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރި އަކު ވެސް އުޅޭނެ ކަމަށް ބުންޏެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެއާ އެމްބިއުލާންސާ އެކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ އެވެ. އަވައްޓެރި ސްރީ ލަންކާ އަށް ބަލި މީހުން ގެންދިއުމުގެ ހުއްދަ ވެސް ލިބިފައިވެ އެވެ. އަދި ވަރަށް އަވަހަށް އިންޑިއާ އިން ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިހާރު މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓްކުރުމުގެ އިންތިޒާމު ރާވައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ދެވޭނެ އެވެ.
މިނިސްޓްރީން ބުނީ އަމާޒަކީ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) ގުޅިގެން ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކޮމެންޓު ފޮނުވާ