ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ލަސްކުރުމަށް ރައްޔިޔުންގެ މަޖިލިހުން މިހާރު ފާސްކޮށްފައިވާ އިސްލާހު ތަސްދީގުކުރުން ލަސްވެގެން ރައީސް ޔާމިން ރައީސް މުއިއްޒުއަށް ފާޑު ވިދާޅުވެއްޖެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ރައީސް ޔާމިން ވާހަކަ ދައްކަވާފައިވަނީ ދަ ފްރޮންޓު އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބެއްވި ފީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމެއް ނިންމުމުން ވެރިއަކަށް ހުންނަވާ ބޭފުޅަކު އެއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޔާމިން ވިދާޅުވީ މިހާރު ފެންނަމުންދަނީ ދައުލަތުގެ އެއްބާރު އަނެއްބާރަށް ނުފޫޒު ފޯރުވަމުންދާ ތަން ކަމުގައެވެ.
އިތުރަށް ޔާމިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހިފައިވާ ކަމުގައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކެއް ފާސްކުރުމުން އެ ތަސްދީގުނުކޮށް ހިފަހައްޓާ، ރައީސް މުހައްމަދު މުއިއްޒު ގަދަ ބަސްފުޅު ވިދާޅުވާ މަންޒަރު ފެންނަމުންދާއިރު، އިލެކްޝަންސް ކޮމިޝަން މަޑުން އޮވެ އެ ރޭވުމުގައި ބައިވެރިވަމުންދާ ދިއުމަކީ ޒިންމާދާރު ކުޑަ ކަމެއް ކަމުގައެވެ.
މަޖިލީހުން ރައްޔިތުންގެ ފައިދާއަށް ކަންކަން ކުރުމުން އެކަމަށް އިހުތިރާޟު ކުރުމަކީ ވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް. އެކަމަކު މި ފެންނަނީ ވެރިކަމުގެ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ މަންޒަރު. އީސީ މިއޮންނނަީ ހަމަ ބަހެއް ބުނެނުލާ. ތަސްދީގު ނުކުރަންޏާ އިންތިހާބު ލަސްނުކުރެވޭނެ އޭ ކިޔާލަ ކިޔާލާ. މަޖިލީހުން ވެއްޖެ އެއްނޫންތޯ އީސީ ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން.
ޔާމިން ވިދާޅުވިއެވެ.
މި ޖަލްސާގައިވެސް ރައީސް ޔާމީން ވާހަކަ ފުޅު ދައްކަވާފައިވަނީ އާންމު އުސޫލުން އެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަށް ކުރެއްވި ކޮމެންޓުގެ ގޮތުގައެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން މަޖިލިހުން ވަނީ ފާސްކޮށްފައެވެ. އެކަމަކު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސް ކުރުމާ ގުޅިގެން އެ ބިލް ތަސްދީގު ކުރުމާ މެދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ގޮތެއް ނުނިންމަވައެވެ.
އެމަނިކުފާނު ވިދާޅުވީ ބިލް ތަސްދީގު ކުރުމާ މެދުގައި ގޮތެއް ނިންމާނީ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ