އެޗްޕީއޭއަކީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ތަނަކަށް ވާންޖެހޭ: ޑރ.ޝަހީމް

އެޗްޕީއޭއަކީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ތަނަކަށް ވާންޖެހޭ: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 01:50
0

ހެލްތް އޮޕަރޭޝަން ސެންޓަރު (އެޗްޕީއޭ) އަކީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޕްރޮފެޝަނަލް ތަނަކަށް ވާންޖެހޭކަމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ކެންޕެއިން ކުރުމަށާއި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ގުޅިގެން ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދީފައި ހައްޤުތަކާއި، އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިނުމަކީ ޤާނޫނުތަކާއި ޤާނޫނު އަސާސީން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.

ކުއިއަށް އޮތް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނާއި ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ފެނިގެންދަނީ ހަމަހަމަ ކަމާއިއެކު ކެންޕެއިން ކުރުމުގެ ފުރުސަތު ހަނިކޮށް ވަކި ބަޔަކަށް ކެންޕެއިން ކުރުމުގެ ފުރުސަތު އެޗްޕީއޭއިން ތަނަވަސް ކޮށްދެއްވަމުންދާ މަންޒަރުކަމަށެވެ. އެޗްޕީއޭއަކީ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތަކެއް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ވުމަށް ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޕްރޮފެޝަނަލް ތަނަކަށްވާންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ. 

ތަފާތު ކުރުމެއް ނެތި އިންތިޚާބުގެ ކެންޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ފަހިކޮށް ދެއްވުމަށް އެޗްޕީއޭ އަށް ގޮވާލަން. އެޗްޕީއޭއަކީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޕްރޮފެޝަނަލްތަނަކަށްވާންޖެހޭނެ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބް އަންނަ އަހަރުގެ މާޗރް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު އިދިކޮޅު ކޯލިޝަނުން ދަނީ އިންތިޚާބު މިނިވަން ކަމާއިއެކު ބޭއްވުމަށް ޖާގަ ނުދޭކަމަށް ބުނެ ސަރުކާރުގެ އެކި އިދާރަތަކަށް ހައްގު ހޯދުމަށް ހުށަހަޅަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރުމަށް ހުއްދައަށް އެދުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ވަނީ އިއްޔެ ސަރުކާރުގެ އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓާއި ނުލައި ދަތުރު ކުރެވޭނެ ގޮތަށް ގައިޑް ލައިނަށް ބަދަލު ގެނެސްފައެވެ.

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅަށް ކުރިމަތިވެފައިވާ ހުރަސްތަކާއި އެކުގައިވެސް ސިޔާސީ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރަށު ބަންދުގައި ތިބެ ވީޑިޔޯގެ ޒަރީއާއިއިން ޖަލްސާތައް ބޭއްވުންފަދަ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަވަމުންނެވެ. މިރޭވެސް ވަނީ މިފަދަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މިރޭގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިދިކޮޅު ކޯލިޝަނަށް ސަޕޯޓު ބޮޑު ފުވައްމުލަކު ސިޓީގައެވެ.

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުން އިންތިޚާބު ކުރުމާއި ގުޅޭގޮތުން ޑރ.ޝަހީމް ވިދާޅުވެފައިވަނީ ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، ޕީޕީއެމްގެ ފަރާތުން ލޯކަލްކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ އެންމެހާ ބޭފުޅުން ހޮއްވަވައި ދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ޕީޕީއެމުން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމުގައިވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.