މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން ސާފު ބޯޑުތައް ގެނައުމަށް ނަގާ އަގު ކުޑަކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ކުރި ސުވާލުގައި ބުނެފައި ވަނީ ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ކުރިއަރަމުން އަންނަކަމަކަށްވާއިރު، ސާފް ބޯޑު އުފުލުމަށް ގާއުމީ އެއާލައިނުން ނަގާ ފީ ބޮޑު ކަމަށެވެ. އަދި އެ ވިޔަފާރީއަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ރައީސްގެ ޖަވާބު
21 ފެބްރުވަރީ 2024ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު، ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ކަނދު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށް ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/2n2bcgUhx4
— Government of Maldives (@governmentmv) February 21, 2024
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ސާފް ބޯޑު އުފުލުމަށް ނަގާ ފީ ބޮޑު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ނަގާ ފީ ކުޑަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތިވިދާޅުވާ ގޮތަށް މޯލްޑިވިއަނުން ސާފް ބޯޑު ގެނައުމަށް ނަގާ އަގު ވަރަށް ބޮޑު. އަޅުގަނޑު އެކަމާއި ވާހަކަދައްކާނަން. ވާހަކަ ދައްކައިގެން އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން. އަގު ކުޑަކޮއްދޭނަން އިރާދަކުރެއްވީޔާ ވީހާވެސް ބޮޑަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާޅައަޅާ ކަނދު ގެންނަން ނަގާ ފީ ބޮޑުވުމަކީ ރާޅާއެޅުމު ހަރަކާތްތައް އިންތިޒާމްކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު މައްސަަލައެއް ކަމަށެވެ. ގައްދޫ ސަރަހައްދަކީ ރާޅާ އެޅުމުގައި ކުރިއަރާފައިވާ ސަރަޚައްދަކަށް ވެފައި އެކަމަކީ ޓޫރިޒަމްއާއި ދިވެހި ރާއްޖޭގެ އިދްތިސާދާއި ގުޅިފައި އޮތް ކަމަކަށް ވުމުން ސާފް ބޯޑު ގެނައުމަށް ނަގާ އަގު ކުޑަކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.