އޮބްޒާވަރުންނާއި މޮނިޓަރުން ރަޖީސް ކުރުމުގެ ސުންގަޑި މިއަދު ހަމަވާނެ، އިތުރު ފުރުސަތެއް ނުދޭނެ

އޮބްޒާވަރުންނާއި މޮނިޓަރުން ރަޖީސް ކުރުމުގެ ސުންގަޑި މިއަދު ހަމަވާނެ، އިތުރު ފުރުސަތެއް ނުދޭނެ

Author
ހުސެއިން
19 ފެބްރުއަރީ 2024 10:51
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާނެ ކަމަށާއި, އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ޖެނުއަރީ، 31 އިން ފެށިގެންނެވެ. އެ މުއްދަތު ހަމަވާނީ މިއަދު މެންދުރުފަހު 3:00 ގަ އެވެ.

އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ފުރުސަތު ހުޅުވާލިތާ މިއަދަށް 20 ދުވަސް ވަނީ ވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވަނީ މީޑިއާތަކުން އަދި ޕާޓީތަކުން ސުންގަޑި ހަމަވުމުގެ ކުރީން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިނުވާކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ގަވާޢިދުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަރުދީގޮތުން އިންތިޚާބު އޮބްޒާވް ކުރެއްވުމަށް ހުށަހަޅުއްވާ ބޭފުޅަކު އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ވެގެން ނުވާނެއެވެ.

އެހެންނަމަވެސް، ކެންޑިޑޭޓެއްގެ މަންދޫބަކަށް ވުމަށް ސިޔާސީ ޕާޓީއަކަށް ނިސްބަތްވުން ނުވަތަ ނިސްބަތް ނުވުން އެއީ މައްސަލައެއް ނޫނެވެ.

މާޗު 17 ގައި ބާއްވަން ތާވަލުކޮށްފައިވާ މަޖިލިސް އިންތިހާބުގެ ތާރީހު ރޯދަ މަސް ނިމި ދިހަ ދުވަސް ފަހަށް ބަދަލުކުރުމަށް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުރައްވަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ރައީސަށް ފޮނުވާތާ ގިނަވެގެން 15 ދުވަސް ތެރޭ ގޮތެއް ނިންމަވަން ޖެހެ އެވެ. ތަސްދީގު ނުކޮށް އެ މުއްދަތުގައި ފޮނުވާލައިފި ނަމަ މަޖިލީހުގެ އަޣުލަބިއްޔަތުން، އިތުރު އިސްލާހަކާ ނުލައި ފާސްކޮށްފި ނަމަ ބިލް ތަސްދީގުވީ ކަމަށް ބެލޭނެ އެވެ. އަދި ތަސްދީގު ނުކުރައްވައި 15 ދުވަސް ވެއްޖެ ނަމަ ވެސް އެ ބިލެއް ތަސްދީގުވީ ކަމުގައި ބެލޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.